އިންޑިއާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލެއްގެ އެތެރޭގެ އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ދެ ހޮސްޕިޓަލަކަށް އާސަންދައިގެ ދަށުން، ބަލި މީހުން ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ބެންގަލޫރުގެ އެސްޓާ ސީއެމް އައި ހޮސްޕިޓަލާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑަށެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ "މިހާރު" އަށް ވިދާޅުވީ، މި ބަދަލު ގެނައީ އިންޝުއަރެންސްގެ ދަށުން ކްރެޑިޓަށް ހިދުމަތް ނުދިނުމަށް އެ ދެ ހޮސްޕިޓަލުން ނިންމުމާ ގުޅިގެން ކަމަށެވެ.
އެ ދެ ހޮސްޕިޓަލަށް ބަލި މީހުން ފޮނުވުން ހުއްޓާލަން ނިންމި ނިންމުމަކީ އާސަންދައިގެ ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ ހޮސްޕިޓަލުން އެދިގެން އެކަން ކުރީ، މިވަގުތަށް، ޒީނިޔާ ވިދާޅުވި އެވެ.
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުކަމުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން މީގެ މަހެއް ކުރިން ވަނީ މެދުކަނޑާލައިފަ އެވެ.
ޒީނިޔާ ވިދާޅުވީ، ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.
އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް ވަނީ އެމްޕެނަލް ވެފަ އެވެ. އޭގެ ތެރެއިން، ސްރީލަންކާގެ އަށް ހޮސްޕިޓަލެއް ފިޔަވާ، ބާކީ 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ. އޭގެ ތެރެއިން ބެންގަލޫރުން މިހާރު ހިދުމަތް ލިބޭނީ 11 ހޮސްޕިޓަލަކުންނެވެ.