ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓުތަކަކަށް ހަމަލާދިނުމާ ގުޅިގެން އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ރައްދު ހަމަލާތަކާއި، އޭގެ ފަހުން އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން މިސައިލް ހަމަލާތަކާ އެކު މިހާރު ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލަން ހެދި ވަގުތީ އެއްބަސްވުން އުވިފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އަންކާރާގައި ކުރިއަށްދާ ނޭޓޯ ސަމިޓުގައި، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އީރާނުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ ވެރިންނަކީ "ނުބައި، ދޮގުވެރި ބައެއް" ކަމަށާއި، އެމީހުންނާ އެކު ދެން ވާހަކަދެއްކުމަކީ "ވަގުތު ބޭކާރުކުރުމެއް" ކަމަށެވެ.

ޖޫން 17 ގައި ދެ ގައުމުން ސޮއިކުރި 60 ދުވަހުގެ ސުލްހައިގެ ވަގުތީ އެއްބަސްވުން ނުވަތަ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، "އަހަންނަށް ފެންނަ ގޮތުގައި އެ އެއްބަސްވުން މިހާރު ނިމުނީ" ކަމަށެވެ.

އަލުން ހަމަނުޖެހުންތައް ފެށުނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތިން އާގުބޯޓަކަށް  އީރާނުން ހަމަލާ ދިނުމުންނެވެ. އެއީ ގަތަރު، ސައުދީ އަރަބިއްޔާ އަދި ލައިބީރިއާގެ ބޯޓުތަކެކެވެ. މި ހަމަލާތަކާ އެކު އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ އީރާނަށް ބައިނަލްއަގުވާމީ މާކެޓުގައި ތެޔޮ ވިއްކުމަށް ދީފައި އޮތް ވަގުތީ ހުއްދަ ވެސް އިއްޔެ ބާތިލުކޮށްފަ އެވެ.

މިއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެ އީރާނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ރޭގެ ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި 80 އަށްވުރެ ގިނަ އަސްކަރީ އަމާޒުތަކަށް ރައްދުގައި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމުތަކާއި ރާޑަރުތަކާއި އީރާން އަސްކަރިއްޔާގެ ކުދި ބޯޓުތަކާއި މިސައިލް މަރުކަޒުތައް ހިމެނެ އެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދެމުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ވަނީ ބަހުރޭން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 85 މިސައިލް ފޮނުވާލައިފަ އެވެ. ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށާއި ބަހުރޭންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން މި ހަމަލާތަކާ އެކު އެ ސަރަހައްދުތަކުގައި ވަނީ ނުރައްކަލުގެ ސައިރަންގެ އަޑު އިވިފަ އެވެ. އީރާނުން ބުނާގޮތުގައި އެމީހުން ވަނީ އެމެރިކާގެ އެމްކިއު-9 ރީޕާ ޑްރޯނެއް ވެސް ވައްޓާލައިފަ އެވެ.

އީރާނުގެ ޕާލިމަންޓުގެ ރައީސް އަދި އިސް މަންދޫބު މުޙހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެމެރިކާއިން ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމާއި އީރާނަށް ހަމަލާދިނުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށާއި، ބިރުދެއްކުމުގެ ޒަމާން މިހާރު ނިމިއްޖެ ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ވަނީ ސާފުނުކުރާ ތެލުގެ އަގު 5 ޕަސެންޓަށް ވުރެ މައްޗަށް އުފުލި، ފީފާއެއްގެ އަގު 79 އެމެރިކާ ޑޮލަރަށް އަރައިފަ އެވެ.