އެޕަލް އައިފޯނުތަކަށް ވާވޭ 5ޖީ މޯޑެމްތައް!

އެޕަލްގެ 5ޖީ އައިފޯނުތަކުގައި، ވާވޭ 5ޖީ މޯޑެމް ބޭނުންކޮށްފާނެ ކަމަށް އެބަ ބުނެ އެވެ. އެހެން ވެއްޖެ ނަމަ ވާނީ ސިފަކުރަން ވެސް ދަތި މަންޒަރަކަށެވެ. އަދި މިއީ އެމެރިކާ ސަރުކާރު ދެކޮޅުހަދާނެ ކަމެއް ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް، 5ޖީ ރޭހުގައި ފަހަތަށް ޖެހެމުން ދިޔަ ވަރަކަށް އެޕަލް އަށް އެ ދެވެނީ ގޮތްހުސްވުމާ ކައިރިއަށެވެ.


"ކުއަލްކޮމް"އާ އެކު ރަނގަޅު ގުޅުމެއް އެޕަލް އަށް ބޭއްވުނު ނަމަ، 5ޖީ އައިފޯނުތައް ފެންނަ ފަށަށް މިހާރު ހުންނާނީ އައިސްފަ އެވެ. ނަމަވެސް، ކުއަލްކޮމް ލައްވައި އެއްވެސް ޒާތެއްގެ މޯޑެމެއް އުފައްދަން އެޕަލް ބޭނުމެއް ނުވެ އެވެ.

5ޖީ އައިފޯނުތަކަށް ބޭނުންވާ މޯޑެމްތައް ހަމައެކަނި އިންޓެލް ލައްވައި އުފެއްދުމުގައި ހުރި ނުރައްކާތެރިކަން އެޕަލް އަށް ވިސްނެ އެވެ. އެހެންވެ، އައިފޯނުތަކަށް 5ޖީ މޯޑެމް އުފެއްދުމުގައި، ދެތިން ކުންފުންޏަކަށް ބަރޯސާވާން އެޕަލް އެދެ އެވެ.

އެޕަލް އަށް 5ޖީ މޯޑެމްތައް އުފައްދައިދެވޭ ފެންވަރުގެ ކުންފުތައް ވަރަށް މަދެވެ. ސެމްސަން އަދި މީޑިޔާޓެކް ފަދަ ދެތިން ކުންފުންޏަކަށް އެކަން ވި ނަމަވެސް، އެއިން އެއްވެސް ކުންފުންނަކަށް 5ޖީ ރޭހުގައި ލިބިފައި ނެތް ކުޅަދާނަކަން، ޗައިނާގެ ވާވޭ އަށް ވަނީ ލިބިފަ އެވެ.

ވާވޭ ފޯނުތަކަށް ބޭނުންޖެހޭ ޗިޕްތައް އުފައްދަނީ ވާވޭއިންނެވެ. މިހެން ބުނި ނަމަވެސް، ތާޑްޕާޓީ ޗިޕްތައް ވެސް ބޭނުންކުރެ އެވެ. ވާވޭގެ އަމިއްލަ މޯޑެމްތަކުގައި ހުރި ކުޅަދާނަކަމަށް ބަލާއިރު، އެޕަލް އަށް ފުދި ބާކީވާ ވަރަށް ވާވޭ މޯޑެމްތައް ކުޅަދާނަ އެވެ. އެހެންކަމުން، ސަޕްލަޔަރުންގެ ނަންތައް ތަރުތީބުކޮށްފި ނަމަ، އެއް ވަނަ ދަރަޖަ ވާވޭ އަށް ދެވެ އެވެ.

ވާވޭ އަތުން 5ޖީ މޯޑެމް ގަތުމަކީ އެޕަލް އަށް ކުރަން ކެރިދާނެ ކަމެއް ބާއޭ ވެސް ހިތަށް އަރަ އެވެ. ސަބަބަކީ ޔަގީނުން ވެސް މިކަހާ ނުބެހި އެމެރިކާ ސަރުކާރަށް ނޯވެވޭނެތީ އެވެ. އެމެރިކާ ކުންފުނިތަކުން ވާވޭއާ ދުރުހެލިވެ ތިބުމަށް އެމެރިކާ ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. ވާވޭ އަކީ މުވާސަލާތީ އާލާތްތައް މެދުވެރިކޮށް ޗައިނާ އާށް ޖާސޫސްކޮށްދޭ ކުންފުންޏެއް ކަމަށް އެމެރިކާ ދެކެ އެވެ.

އެޕަލް ފަދަ ބިޔަ ކުންފުންޏަކަށް، އިލެކްޓްރޯނިކް ބައިތައް ސަޕްލައިކޮށްދިނުމަކީ ވާވޭ އަށް ވެސް ރަނުގެ ފުރުސަތަކަށް ވާނެ އެވެ. މާލީ ގޮތުން ލިބޭނެ ތަނަވަސްކަމަށް ވުރެ، އެމެރިކާ ތެރޭގައި ފެތުރިގަތުމަށް ފުރުސަތުލިބުން ވާނީ އެ ކުންފުންޏަށް ދުނިޔެ ފަތަހަކުރެވުން ފަދަ ކަމަކަށެވެ. މި މުއާމަލާތާ ބެހޭ ގޮތުން އެޕަލް އިން އަދި އެއްޗެއް ނުބުނެ އެވެ. އެޕަލް އިން އެއްޗެއް ބުނަންދެން ނޭވާ ހިފަހައްޓައިގެން ތިބުން ނޫން ގޮތެއް އަދި ނެތެވެ.