ކޮވިޑް-19 ގެ ތެރޭގައި ފްރާންސްގެ ސިއްހީ ދާއިރާގެ މީހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން 9 ބިލިއަން ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ބޮޑުވަޒީރު ޖީން ކޭސްޓެކްސް އާއި ހެލްތު މިނިސްޓަރު އޮލިވިއާ ވެރާން، ޕެރިހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

ކޮވިޑާ ދިމާކޮށް ސިއްހީ ދާއިރާގެ މީހުން ރައްޔިތުންނަށް ފަރުވާ ދިނުމަށް ފެށި މަސައްކަތްތަތަކާ އެ މީހުންނަށް ބޯނަހެއް ދޭން ނިންމިކަން ފްރާންސްގެ ސަރުކާރުން އިއުލާންކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. މުވައްޒަފުންނަށް ދޭން ނިންމާފައިވާ ބޯނަހަށް ބަލާއިރު ބަލިޖެހުނު މީހުންނަށް ފަރުވާ ދިނުމުގައި ސީދާ ހަރަކާތްތެރިވާ ޑޮކްޓަރުންނަށް ބޯނަހުގެ ގޮތުގައި މަހަކު 1،634 ޑޮލަރު އަދި ހޮސްޕިޓަލްތަކުގެ ނަރުހުންނަށް ބޯނަހުގެ ގޮތުގައި މަހަކު 544 ޑޮލަރު ދޭނެ އެވެ.

މީގެ އިތުރުން ހޮސްޕިޓަލްގައި މަސައްކަތްކުރާ އެހެން މުވައްޒަފަންނަށް މަހަކު 208 ޑޮލަރު ދޭން ވެސް ވަނީ ނިންމައިފަ އެވެ. މި ބޯނަސް ދެ ފިޔަވައްސަކަށް ބަހާލައިގެން ދޭން ނިންމާފައިވާ އިރު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޯނަހަށް 102 ޑޮލަރު އިތުރުކޮށްދޭނެ އެވެ. އަދި އަންނަ އަހަރުގެ މާޗް މަހުން ފެށިގެން އެ އަދަދު 106 ޑޮލަރަށް އިތުރުކޮށްދޭން ވެސް ވަނީ ނިންމައިފަ އެވެ.

ކޮވިޑްގެ ތެރޭގައި ސިއްހީ ދާއިރާގައި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި އެ ނޫން މުވައްޒަފުންނަށް ބޯނަސް ދިނުމާ ބެހޭ ގޮތުން ބޮޑުވަޒީރު ވިދާޅުވީ މި ބަލިމަޑު ކަމަކީ ސިއްހީ ދާއިރާގެ މީހުން އުފުލާ ބުރައިގެ އިހުސާސް ވަރަށް ބޮޑަށް ވަޒަންކޮށްލަން ލިބުނު ދަނޑިވަޅެއް ކަމަށެވެ. އެހެންވެ އެ މީހުން ކުރާ މަސައްކަތުގެ އަގު ހުރިހާ ފެންވަރެއްގައި ވެސް ވަޒަންކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި މަސައްކަތްކުރެވޭނެ ރައްކާތެރި މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި މަސައްކަތުގެ މާހައުލުގެ ރައްކާތެެރިކަން ކަށަވަރު ވެސް ކޮށްދޭނަން." ބޮޑުވަޒީރު ވިދާޅުވި އެވެ.

ފްރާންސްގެ ބޮޑުވަޒީރު.
ފްރާންސްގެ ބޮޑުވަޒީރު.

އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ފްރާންސްގެ ސަރުކާރު ގެންގުޅޭ ތަސައްވުރު ވަރަށް ސާފެވެ. އެހެންވެ އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ރަނގަޅުކޮށް ދިނުމާ އެކު ރައްކާތެރި މާހައުލެއް ހޯދައިދޭން ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ފްރާންސުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 175،000 އަރާފައިވާ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު 30،150 އަށް ވުރެ ގިނަ އެވެ.

ފްރާންސްގައި މިދިޔަ މަހު މަސައްކަތުގެ މާހައުލުގައި ހުރި މައްސަލަތަކާ ދެކޮޅަށް މުޒާހަރާ ވެސްކޮށްފައިވެ އެވެ.