މީގެ 25 އަހަރު ކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ހަނދާން އާކޮށް، ދިވެހި ޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުލައި އިހްތިރާމުކުރުމަށް ޗައިނާގެ ކުޅުންތެރިންގެ ކިބައިން އެ ޓީމުގެ ކޯޗު ޝާއޯ ޖިއާޔީ އެދިއްޖެ އެވެ.

އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގައި މިއަދު، ރާއްޖޭން ޗައިނާއާ ދެކޮލަށް ކުޅޭނެ އެވެ. އެ ގައުމުގެ ޗޮންގްކިންގައި ހުންނަ ލޮންގްޝިންގް ފުޓްބޯލް ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖޭން ގަޑިން ހަވީރު 4:35 ގަ އެވެ. އެފްއޭއެުން އިއުލާންކޮށްފައިވާ ގޮތުގައި ޕީއެސްއެމްގެ ޔެސް ޓީވީން މެޗު ވަގުތުން ދައްކާނެ އެވެ. 

މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝާއޯ، އާ ކުރީ މީގެ 25 އަހަރު ކުރިން، ކުޅުންތެރިޔެއްގެ ގޮތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އޭޕްރީލް 2001 ގައި މާލޭގެ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ބައިވެރިވިކަން ފާހަގަކޮށް ޝާއޯ ބުނީ ރާއްޖެއަކީ ބަލިކަށި ޓީމެއް ކަމަށް ބަލައި ފަސޭހަކޮށްލެވެން ނޯންނާނެ ކަމަށެވެ. 

ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު އެ ފަހަރު ކޮލިފައިންގައި ޗައިނާގައި ކުޅުނު މެޗުން 10-1 ން ރާއްޖެ ބަލިވި އެވެ. ދެވަނަ ލެގް މެޗުގައި އޭގެ ފަސް ދުވަސް ފަހުން ގަލޮޅު ދަނޑުގައި ކުޅެ ރާއްޖެ ބަލިވީ 1-0 ންނެވެ. މެޗުގެ ފުރަތަމަ ހާފު ލަނޑެއް ޖެހިޔަ ނުދީ ރާއްޖޭން ހިފަހައްޓާލި އެވެ. 

"މީގެ 25 އަހަރު ކުރިން ރާއްޖޭގައި ކުޅުނު މެޗު މަތިން އަދިވެސް ހަނދާން އެބަހުރި. އެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެން. އަދި އަހަރެމެންނަށް މެޗުން މޮޅުވެވުނީ ވަރަށް އުނދަގުލުން 1-0 އިން،" އޭރު މިޑްފީލްޑަރަކަށް ކުޅުނު ޝާއޯ، އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ބުނެފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކުރި އެވެ.   

"އެހެންވެ މި މެޗަށް ނުކުތުމުގެ ކުރިން ވެސް އަހަރެން އެ ހަނދާންތައް (ކުޅުންތެރިންގެ ކައިރީގައި) އާ ކުރިން. އަހަރެމެން މި މެޗަށް ނުކުންނަން ވާނީ ހަމަ ސީރިއަސްކަމާ އެކު." 

ރާއްޖެއާ ދެކޮލަށް ޗައިނާއިން މިއަދު ކުޅޭ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ޗައިނާގެ ކޯޗު ޝާއޯ ޖިއާޔީ (ވ) އާއި އެ ޓީމުގެ ކީޕަރު ލިއު ޑިއަންޒޯ --- ފޮޓޯ: ސިނަ ނިއުސް
ރާއްޖެއާ ދެކޮލަށް ޗައިނާއިން މިއަދު ކުޅޭ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ޗައިނާގެ ކޯޗު ޝާއޯ ޖިއާޔީ (ވ) އާއި އެ ޓީމުގެ ކީޕަރު ލިއު ޑިއަންޒޯ --- ފޮޓޯ: ސިނަ ނިއުސް

ކުރިން އޮތް ގޮތުން، ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅޭކަށް ޗައިނާއިން ރާވާފައެއް ނުވެ އެވެ. ފުރަތަމަ ޕްލޭން ކުރީ އުޒްބެކިސްތާން ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް މިއަދު ކުޅޭ ގޮތަށެވެ.

ރާއްޖެއާ ދެކޮޅަށް މެޗު ކުޅެން ހަމަޖެހުނީ މީގެ ހަފުތާއެއް ކުރިންެވެ. މިފަހަރުގެ އިންޓަނޭޝަނަލް ވިންޑޯގައި ޗައިނާއިން ދެން ނުކުންނާނީ ނިއު ޒިލެންޑާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އާދިއްތަ ދުވަހު އެވެ. 

ޝާއޯ ބުނީ ވަރުގަދަ ޓީމެއްގެ ބަދަލުގައި، ރާއްޖެ ކަހަލަ ރޭންކިންގެ ދަށް ޓީމެއްގެ މެޗާ ކުރިމަތިލާން ޖެހުމުން އޭނާގެ ޓީމުގެ ތައްޔާރީތަކަށް ބަދަލު ގެންނަން ޖެހުނު ކަމަށެވެ. އެކަމަކު އެއީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި ދިމާވެދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. 

"އަހަރެމެންޖެހޭނީ މިކަން ގަބޫލުކޮށް، ކުރިމަތިވި ހާލަތުން އިސްނަގައިގެން ކުރިއަށްދާން،" އޭނާ ބުންޏެވެ. 

"ރާއްޖެއަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ނުބެލެވުނަސް އިދިކޮޅު ޓީމުގެ ފެންވަރު ދަށްވިކަމުގައި ވިޔަސް. އަހަރެމެން ބުރަކޮށް މަސައްކަތްނުކޮށް ސީރިއަސްކަމާ އެކު ނުވިސްނައި، އަދި ތައްޔާރުވުމުގައި އިދިކޮޅު ޓީމަށް އިހްތިރާމް ނުކޮށްފިނަމަ، އަހަރެމެންނަކަށް ރަނގަޅު ނަތީޖާއެއް ނުލިބޭނެ." 

ޗައިނާގެ މީޑީއާތަކުން ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ގައުމުގެ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ފުރަތަމަ ފަހަރަށް ސީނިއާ ޓީމުން ފުރުސަތު ދޭނެ އެވެ. 

މެޗުތަކަށް ތައްޔާރުވުމަށް މި މަހު 12 ގައި ވުހާންގައި ޗައިނާއިން ތައްޔާރީތައް ފެށި އެވެ.

އެ ގައުމުގެ 23 އަހަރުންދަށުގެ ގައުމީ ޓީމުން ދަނީ އޭޝިއަން ގޭމްސްގައި ވެސް ވާދަކުރަމުންނެވެ. ގުރޫޕް ސްޓޭޖްގައި އިއްޔެ ޔުނައިޓެޑް އެރަބް އެމިރޭޓްސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އިރާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވީ އެއްވަރެވެ. އެކަމަކު ފުރަތަމަ މެޗުގައި އުތުރު ކޮރެއާގެ މައްޗަށް 2-1 ން މޮޅުވި އެވެ. އަދި ޗައިނާގެ ޓީމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.