ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވި ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާދިން މީހުންގެ ތެރެއިން 14 މީހުން ދޫކޮށްލާފައިވާ ނަމަވެސް ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:30 ހާއިރު އެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރު އެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން 18 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ އާންމުންގެ 16 މީހުންނާއި އެ ތަނުގައި އަލިފާން ނިއްވުމަށް އުޅުނު ފަޔާ ފައިޓަރަކާއި ހޮސްޕިޓަލްގެ މުވައްޒަފެކެވެ.

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު، މުޅި ސަރަހައްދަށް ފެތުރިފައި.
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު، މުޅި ސަރަހައްދަށް ފެތުރިފައި.

އެ ހާދިސާގައި ބޮޑު އަނިޔާތަކެއް ލިބިފައި ނެތަސް މިވަގުތު ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ހޮސްޕިޓަލުން ކުރިން ބުނެފައިވަނީ އެ ހާދިސާގައި ފިހުނު މީހުންނަކީ ޓޭންކު ގޮވި ގަޑީގައި 200 ވަރަކަށް ފޫޓަށް އެއްޗެހިތައް ބުރައިގެން ދިޔައިރު ދުރުގައި ތިބި މީހުން ކަމަށެވެ.

"އަނިޔާވި ފަރާތްތަކުގެ އަދަދުތަކާއި އަސަރުކުރި ގޭބިސީތަކާއި ހުސްކުރެވުނު މީހުންގެ ތަފްސީލުތަކާއި ގެއްލުންތަކުގެ ތަފްސީލުތައް ހާލަތު ބަދަލުވަމުންދާ ވަރަކަށް ބަދަލުވުން އެކަށީގެންވޭ،" އެންޑީއެމްއޭއިން ބުންޏެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.---ފޮޓޯ: ޕޮޮލިސް
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.---ފޮޓޯ: ޕޮޮލިސް

އެ ހާދިސާގައި ފަސް ގޭބިސީއަކަށް އަސަރުކޮށްފައިވާއިރު، 33 މީހަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އެ ތަނުގައި އަލިފާން އަލުން ރޯވިޔަ ނުދިނުމަށްޓަކައި ފިނިކުރުމުގެ މަސައްކަތްތަކާއި ސަލާމަތީ ކަންކަން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން މިހާރު ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ. 

އަލިފާން ނިވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑް ފަޔާ އެންޑް ރެސްކިޔު ސާވިސް އާއި ފުނަދޫ އެއާޕޯޓް ފަޔާ އެންޑް ރެސްކިޔު ޓީމާއި ފުލުހުންނާއި ފުނަދޫ ކައުންސިލް އަދި ފުނަދޫ ސްކޫލް ކެޑޭޓުން ހަރަކާތްތެރިވެފައިވެ އެވެ.