މާލޭގައި ހިންގާ ފިހާރައެއްގެ އޭސީގައި ރޭ ދަންވަރު ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ބުރުޒު މަގުން ޑރ. ޑީޑީ ޑެންޓަލް ކްލިނިކާ އިންވެގެން ހުންނަ "އެސްބީ މާޓް" ފިހާރައިގެ އޭސީގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 1:30 ގައި ކަމަށާއި 1:44 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
ބަންދުކޮށްފައި ހުރި އެ ފިހާރައިގައި އަލިފާން ރޯވެގެން ރިޕޯޓުކުރީ އާއްމު މީހެކެވެ. ފިހާރައިގެ މީހަކާ ގުޅޭ ގޮތް ނުވުމުން ސިފައިން އަލިފާން ނިއްވައިލީ ބިއްލޫރިގަނޑެއް ތަޅާލައިގެން އެތެރެއަށް ވަދެ އެވެ.
ފިހާރައިގެ ވެރިފަރާތުން "މިހާރު" އަށް ބުނީ އެ ތަނުގެ ހުޅަނގު ފަރާތުގައި ހަރުކޮށްފައި ހުރި އޭސީގައި ކަރަންޓު ޝޯޓެއް ވެގެން ރޯވެ، އެ ދިމާލުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ތަނުގައި ގިނައިން ހުރީ ކެއުމަށް ބޭނުންކުރާ ބާވަތެވެ. އޭގެ ތެރޭގައި ހަވާދާއި ކަދުރާއި ނޫޑްލްސް ޕެކެޓްތައް ހިމެނެ އެވެ.
"ފިހާރައިގައި ހުރި މުދަލުގައި ތިން ބައިކުޅަ އެއްބައި ހަލާކުވެގެން މި ދިޔައީ. މި ލިބުނު ގެއްލުން އެއް ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް މި ލަފާކުރަނީ،" އޭނާ ބުންޏެވެ.
ހޯލްސޭލް އަދި ރީޓެއިލް ކުރާ ފިހާރައިން ރޭ ވިޔަފާރި ނިންމާލުމަށް ފަހު ފިހާރަ ބަންދުކުރީ ދަންވަރު 12:00 ހާއިރެވެ. އޭރު ވެސް އޭސީގެ އެއްވެސް މައްސަލައެއް އުޅޭ ކަމެއް ފާހަގަ ނުވާ ކަމަށް އޭނާ ބުންޏެވެ.
"ދެ އޭސީ ވެސް [މިހާރު] ހަލާކުވެފައި ހުރީ. ފިހާރަ ސާފުކުރުމަށް ފަހު މާދަމާ ހުޅުވާނަން،" މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވި ފިހާރައާ ގުޅޭގޮތުން ވެރިފަރާތުން ބުންޏެވެ.