ފަނޑިޔާރުކަމުން ވަކިކުރާ ބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފި ނަމަ، އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާ ގޮތަށެވެ. އަދި އެ ހިސާބުން އިސްތިއުފާ ދިނަސް، ހުއްދަ ބާތިލްވާ ގޮތަށެވެ.
ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރުމުގެ ބާރު އޮންނަ ބާ ކައުންސިލުން އެ ބިލާ ގުޅިގެން ރަސްމީކޮށް ވަކި ސްޓޭންޑެއް ނުނަގަ އެވެ.
އެކަމަކު އެ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ އެ އިސްލާހު ފާސްވެއްޖެ ނަމަ ބާ ކައުންސިލާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށެވެ. އެގޮތުން ވަކީލުން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލަށް އޮތް ބާރަށް އަސަރުކޮށް، ސިޔާސީ ނުފޫޒު ބާ ކައުންސިލަށް ވަންނަން ޖާގަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ޓްވީޓްގައިވާ ގޮތުން އެ އިސްލާހުގެ ސަބަބުން ފަނޑިޔާރުކަމަށް ހަވާލުވާން ވެސް ބައެއް މީހުން ދެން ޖެހިލުންވާނެ އެވެ. އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ ޝަރުއީ ދާއިރާއަށް ކަމަށް ވެސް އޭނާގެ ވިދާޅުވެފައިވެ އެވެ. އަދި
"މި ބިލް ގާނޫނަކަށް ވެދާނެ. އެކަމަކު މިއީ އިންސާފުވެރި ގާނޫނަކަށް ނުވާނެ." މައުމޫންގެ ޓްވީޓްގައިވެ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސަރުކާރުން އެ ބިލް ހުށަހެޅީ ބާ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެވެ. އެކަމަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހުންނަވަ އެވެ.
ސަރުކާރުން ހުށަހެޅި ބިލުގައިވާ ގޮތުން އާދައިގެ ކަންކަމުގައި މަގާމުން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ވަކީލުކަމުގެ ހުއްދަ ލިބޭނީ ވަކިކުރާތާ ފަސް އަހަރުވުމަށްފަހު އެވެ. އެކަމަކު ބޮޑެތި މައްސަލަތަކުގައި ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ދުވަހަކު ވެސް ވަކީލުކަމުގެ ހުއްދަ ނުލިބޭނެ އެވެ.
މިހާރު އޮތް ޖޭއެސްސީ އައުމަށްފަހު ފަނޑިޔާރު ކަމުން ވަކިކުރެއްވި ބޭފުޅުންނާއި ވަކިކުރަން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވި ގިނަ ބޭފުޅުން މިހާރު ގެންދަވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުންނެވެ.