މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކޮށް، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

"ވަރަށް ވައި ގަދަވާނެ ކަމަށް ދައްކަނީ. މިހާރު ވެސް ވަރަށް ގަދަކޮށް އުޅެނީ. ކަނޑު ވެސް ގަދަ،" އޭނާ ވިދާޅުވި އެވެ.

އުތުރާއި މެދު ރާއްޖެތެރެ އަށް މޫސުން ގޯސްވާނެތީ އެ އޮފީހުން މިއަދު މެންދުރު ފަހު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓުގައި ބުނީ ހއ. އިން ފެށިގެން އދ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަގިން މީހަކު ހިނގާފައި ދަނީ: ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަގިން މީހަކު ހިނގާފައި ދަނީ: ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މޫސުމާ ބެހޭ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑު އަށެވެ. އެ ރަށަށް 97.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދު އަށެވެ. އެއީ 78.5 މިލިމީޓަރުގެ ވާރެ އެވެ.

މި ހަފުތާގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާކުރަމުންނެވެ. މޫސުން ބޮޑަށް ގޯސްވާން ފެށީ އިއްޔެއިން އެވެ.