ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ

މިދިޔަ ހޯމަދުވަހު ރައީސް އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނަކީ، ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެއްވައި، ދޮގުތަކާއި އޮޅުވައިލުމުގެ މައްޗަށް ބިނާކުރައްވާފައިވާ ރިޔާސީ ބަޔާނެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.


"މިހާރު"އާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި ގޮތުގައި ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވާ ކަންތަކުގެ މައްޗަށް އަލިއަޅުވައިލަން ޖެހޭ އެއްޗަކަށް ވިޔަސް، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެފަދަ އެއްވެސް ވާހަކައެއް ރައީސް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ބާޒާރާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އޮޅުވައިލުންތަކެއް ކަމަށް އިބޫ ވިދާޅުވި އެވެ.

"މިސާލަކަށް 63،000 ވަޒީފާ އުފެއްދި ވާހަކަ އެ ވިދާޅުވަނީ. ކާކުތޯ ގަބޫލު ކުރާނީ އެ ވާހަކަ. އެ 63،000 ވަޒީފާ އުފެއްދުމުގެ ކުރިން ވެސް ރާއްޖޭގައި އެބަ އޮތް 60 ހާހަށް ވުރެ ގިނަ ވަޒީފާ. ހަމައެކަނި ސަރުކާރުގައި އެބަ އުޅޭ 30 ހާހަށް ވުރެ ގިނަ މުވައްޒަފުން. ދެން އަމިއްލަ ފަރާތްތަކުގައި އެބަ އުޅޭ ހަމަ އެވަރު. އޭގެ އިތުރުން 63،000 ވަޒީފާ އުފެއްދީމާ އޭގެ މާނައަކީ ރާއްޖޭގައި 130،000 ވަޒީފާ މިހާރު އޮންނާނެޔޭ،" އިބޫ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް މަގުމަތިންނާއި ރަށްރަށުން ފެނިގެން މިދަނީ އެ މަންޒަރެއް ނޫން. ވަޒީފާއެއް ނުލިބިގެން އެތައް ބަޔަކު އެބަ އުޅޭ. އެހެންވީމާ ދޮގު އެތައް ވާހަކަތަކެއް އޮޅުވައިލުންތަކެއް މި ރިޔާސީ ބަޔާނުން ފާހަގަވެގެން މިދަނީ."

އިބޫ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ތިން ޕަސެންޓުގައި ކުރިއެރި ކަމަށް ރައީސް ވިދާޅުވި ކަމުގައި ވިޔަސް، އެއީ މި ސަރަހައްދުގެ ތަރައްގީގެ ދުވެއްޔާއި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ފަހަތަށް ދިއުމެއް ކަމަށެވެ.

"(ތިން ޕަސެންޓުގެ ކުރިއެރުމަކީ) އެއީ މި ސަރަހައްދުގެ ވެސް އެންމެ ދަށް ޕަސެންޓް. ދުނިޔޭގެ އިގްތިސާދު މި ވަގުތު ކުރިއަރާ ނިސްބަތާ އަޅައި ބަލާއިރު، ދުނިޔޭގެ އިގްތިސާދުގެ އެވްރެޖަށް ވުރެ ވެސް ދަށްކޮށް އެ އޮތީ،" އިބޫ ވިދާޅުވި އެވެ.

"އެހެންވީމާ ރާއްޖޭގެ އިގްތިސާދީ ރަނގަޅު ޕްލޭނެއް އޮތް ކަމަކަށް އަޅުގަނޑަށް ފާހަގައެއް ނުވި. މި ސަރަހައްދުގައި މިއިން ދުވަހަކު ތެލުގެ އަގު ނުދާހާ ވަރަށް ދަށަށް ގޮސްފައި މިވަނީ. ދުނިޔޭގެ ބާޒާރުގައި ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ދަށްވެފައި. އެއަށް ކުރަންޖެހޭ ހޭދަ މިވަނީ މީގެ ފަސް އަހަރާ އަޅައި ބަލާއިރު އެ އޮތީ ދަށަށް ގޮސްފައި. ދާއިރު ވެސް އެކަންކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމެއް ފެނިގެނެއް ނުދޭ ރާއްޖެއަކުން."

އޭގެ އިތުރުން އިބޫ ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެ ވަނީ މާލީ ގޮތުން ދުވަހަކު ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިވެފައި ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް އާމްދަނީ ލިބެން ހުރި ރާއްޖޭގެ ގިރިފަޅުތަކާއި ފަރުތަކާއި ރަށްތައް ވަނީ، އެޑްވާންސް ކޮށް ފައިސާ ނަގައިގެން ވިއްކާ ހުސްކޮށްފައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިދިޔަ ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ: ރައީސް އޮފީސް

"އޭގެ ސަބަބުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ފަހުން މީގެ ނުރަގަނޅު އަސަރު ކުރާނެ. އެ ކަހަލަ ކަންތައްތަކެއް މިދިޔަ އަހަރު ފެނުނީ. އެހެންވީމާ މިއީ އުންމީދު ލިބުނު ރިޔާސީ ބަޔާނެއް ކަމުގައެއް އަޅުގަނޑަކަށް ނުފެނެ. އެއާ ޚިލާފަށް އަޅުގަނޑަށް ފެނުނީ މާޔޫސްކަމާއި ހިތްދަތިކަން ކުރިމަތިވި އަހަރެއްގެ ގޮތުގައި."

އިބޫ ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުވެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވުނު އަހަރެއް ކަމަށް ރައީސް ވިދާޅުވިޔަސް މިދިޔަ އަހަރަކީ، ރައްޔިތުންގެ އެތައް ހައްގުތަކެއް ސަރުކާރުން ހިފެހެއްޓި އަހަރެއް ކަމުގަ އެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވެސް، ގާނޫނުތަކަށް ބަދަލު ގެނެސްގެން ހިފަހެއްޓުމަކީ ކުރިއެރުމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރެއިން ޑިމޮކްރެސީގެ އެންމެ ފަހަތަށް ދިޔަ އަހަރު ކަމުގައި. އެއީ ގާނޫނުއަސާސީން ލިބިދިފައި ހުރި އެތައް ހައްގުތަކެއް ސަރުކާރުން މިދިޔަ އަހަރު ހިފެހެއްޓި. އެހެންވީމާ މިދިޔަ އަހަރަކީ ވަރަށް ހިތްދަތި، މާޔޫސްކަން ރައްޔިތުންނަށް ކުރިމަތިވެގެން ދިޔަ އަހަރެއްގެ ގޮތުގައި ފެނުނީ."

އިބޫ ވިދާޅުވި ގޮތުގައި އާންމު ރައްޔިތުން މިވަގުތު އެންމެ ކަންބޮޑުވަނީ ޝަރުއީ ނިޒާމާ މެދުގަ އެވެ. ނަމަވެސް ޝަރުއީ ނިޒާމު އިސްލާހުކޮށް އެ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދެވުމުގެ އެއްވެސް ވާހަކަފުޅެއް ރިއާސީ ބަޔާނުގައި ނެތުމުން އިބޫ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. "ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ވާހަކައެއް ނުދައްކަވާ. އެ މަނިކުފާނުގެ ފުރަތަމަ ރިއާސީ ބަޔާނުގައި ވެސް ޝަރުއީ ދާއިރާގެ ވާހަކައެއް ނެތް. އެ ގޮތަށް މިހާރު ވެސް އެ ގެންދަވަނީ. ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ބެހޭ ގޮތުން އެ މަނިކުފާނުގެ ވިސްނުމެއް ނެތް."

އޭގެ އިތުރުން އިބޫ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރައްޔިތުން އެންމެ ކަންބޮޑުވި އެއް ކަމަކީ ދައުލަތުގެ މުދަލުން ގެއްލުނު ފައިސާތަކުގެ މައްސަލަ އެވެ. ނަމަވެސް މުޅި ގައުމު ކަންބޮޑުވެފައިވާ މި މައްސަލައާ މެދު ރިޔާސީ ބަޔާނުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ، ރިއާސީ ބަޔާނުން އެއްވެސް އުންމީދެއް ނުލިބޭ ކަމަށް އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ. ރިޔާސީ ބަޔާނުގައި ގައުމު އެ ވަގުތު އޮތް ހާލަތާއި، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ބަޔާންކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވެ އެވެ.

ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވުމުން، އެ ވަގުތަކު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން، ރިއާސީ ބަޔާނަށް، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބު ދޭންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވެ އެވެ.