މާލެއަށް ކުރިން ވާރޭވެހުނު ރެއަކު މީހަކު ބައިސްކަލެއްގައި ކުޑަ ނަގައިގެން ދުއްވާފައި ދަނީ.-- ފޮޓޯ: މިހާރު
10 މެއި 2024 - 18:50
މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ފެށިއްޖެ އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފަށައިގެން މާޗުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށާއި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށް މެޓުން ބުންޏެވެ.
"މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މެއި މަހުގެ 9 ވަނަ ދުވަހު،" އެ ބަޔާނުގައިވެ އެވެ.
ހުޅަނގު މޫސުން ފެށުނު ކަން ޔަގީންކުރުމަށް ދެ ގޮތަކަށް ބަލަ އެވެ. އެއީ ވާރޭވެހުނު ވަރާއި ވައިގެ މިސްރާބު ހުރި ގޮތެވެ.
• މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭވެހުމާއި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.
• ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުމާއި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.
މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މި ހަފުތާގައި އިންޒާރު ވެސް ދީފަ އެވެ.
މެޓް އޮފީހުން ބުނީ، އަންނަ މަހާއި ޖުލައި މަހާއި އޯގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް ވެސް ބުންޏެވެ.
އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ވަރާއި އެންމެ ދަށަށް ދާނެ ވަރު ވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަ
12 May 2024
މޫސުމީ ތަފާތު ބޮޑު ދުވަސްތަކެއް އަހަރުތެރެއަކު ރާއްޖެއަށް ކުރިމަތިނުވޭ.ވަކި މޫސުމެއްވީމަ ވާރޭވެހިފަ ނޫނީ ވާރޭނުވެހިފަ ނުހުރޭ.އަބަދުވެސް ވާރޭވެހޭ އަދި ވިއްސާރަވޭ،ހަމައެގޮތައް ވައިމަޑު ހޫނުވެސްވޭ.އީކުއޭޓާ ގައުމުތަކުގަ އޮންނަނީ އެއްމެ މޫސުމެއް،މާބޮޑު ތަނަކަށް ހަދާގެން އުތުރާ ދެކުނާ މެދުރާއްޖެތެރެއޭ ކިޔަސް ވިއްސާރަކޮޅެއްވީމަ ބުނާނެ ރާއްޖެމަތީގަ ހެދިފައޮތް ވިލާގަނޑެއްގެ ސަބަބުން މުޅިރާއްޖެއަށް ހަފްތާއެއްވަންދެން ވިއްސާރަކުރާނެޔޭ.އެހާވެސް ކުޑަތަނެއްމީ.
ތުނޑުހަސަނު
11 May 2024
ހުޅަނގު މޫސުން މިއަންނަނީ އުތުރަށް ވަކިދުވަސްވަރެއްގައި ދެކުނަށް ވަކި ދުވަސްވަރެއްގައިތަ!. މިކަން މިއެނގުނީ މިފަހަރު. އަހަރެމެންނަށް ޒަމާނުއްސުރެ އެނގިފައި އޮތީ އޭޕްރީލް 8 ން ފެށިގެން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭކަމަށް. ހުޅަނގު މޫސުމުގެ ވިއްސާރަ އެކިފަހަރު އެކި ހިސާބުތަކަށް ކުރާނީ އެކިވަރަށް.
އަލުންފަށާ
11 May 2024
މިހާރު މިއޮތް މިޓިއިރޮލޮޖީން ރާއްޖޭގެ މޫސުން އަނެއްކާ ބަހަން ވެއްޖެނޫންތަ. ރާއްޖޭގެ ދެކުނަށް މޫސުން ފެށޭ ދުވަސްވަރަށް ނަމެއް. އުތުރަށް ފެށޭ ދުވަސްވަރަށް ނަމެއް. އޭރުން އެހެން ތަންތަންށް އަންނަ ގޮތަށް ހޫނު މޫސުމާ ފިނި މޫސުމާ ވިއްސާ މޫސުންމާ ވައިމަޑު މޫސުމާ ކިޔަން އަލުން ދަސްވާނީ. ވޭތުވެ ދިޔަ ދެހާސް އެތައް އަހަރެއްވީއިރު ރާއްޖެއަށް އަންނަނީ 2 މޫސުން. އެ ދެ މޫސުން ފެށޭ ދުވަސްވެސް ވަނީ ތާރީޚު ކުރެވިފައި. މިހާރު މިވަނީ އޮޅުވާލާފަ.
ބަކަރި
11 May 2024
ހުޅަނގު މޫސުން ފެށެނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ލައިގަތީމަ.
ޖުއްބާ
10 May 2024
މަރުހަބާ ހުޅަނގު މޫސުން. އަވަހައް އަޅުގަނޑުގޭ ފެންތާނގި ފުރާލާ.
ޛުލީނާ
10 May 2024
ރާއްޖޭގައި އޮންނަނީ 2 މޫސުން. މި ލިޔުމުގައި ބުނެފައިވާގޮތުން، އެ 2 މޫސުމުގެ ތެރޭގައި އެޕްރީލްމަހާއި ޑިސެންބަރުމަސް ނުހިމެނޭ. އެހެންވީއިރު، އެ 2 މައްސަރު ހިމެނެނީ ކޮން މޫސުމެއްގައިބާ؟ ނުވަތަ އެ 2 މައްސަރު މި ގައުމަށް ނާންނަނީބާ؟ ރާއްޖޭގެ މޫސުންތައް ކަނޑައެޅިފައިވާ ގޮތުގައި ކުރިއްސުރެ ބުނަނީ ހުޅަނގު މޫސުމުގެ ދުވަސްތަކަކީ އެޕްރީލް 8 އިން ޑިސެންބަރު 9 ގެ ނިޔަލަށް ކަމަށް. އިރުވައި މޫސުމުގެ ދުވަސްތަކަކީ ޑިސެންބަރު 10 އިން އެޕްރީލް 7 ގެ ނިޔަލަށްކަމަށް.
ށިޔާމް
10 May 2024
މެޓު އޮފީހުން އެވާހަކަ އެބަ ޖެހޭ ކިޔާ ދޭން ތަންކޮޅެއް ރަނގަޅަށް، ވެބުސައިޓުގަ އިންނަ ގޮތުން އެދެމަހަކީ ދެ މޫސުން ބެދޭ މަސްތައް، ވަކި މޫސުމަކަށް ހާއްސަ ނުވަނީ
ޛުލީނާ
11 May 2024
ށިޔާމް. ރާއްޖޭގެ 2 މޫސުމުގެ ނަކަތްތައް ކުރިއްސުރެ ކަނޑައެޅިފައިވާގޮތުން، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް (މުލަ) ފެށެނީ ޑިސެންބަރު 10 ގައި. ފަހު ނަކަތް (ރޭވަ) ނިމެނީ ވިދިގެން އަންނަ އަހަރުގެ އެޕްރީލް 7 ގައި. އެއީ އިރުވައި މޫސުމަކީ. ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް (އައްސިދަ) ފެށެނީ އެޕްރީލް 8 ގައި. ފަހު ނަކަތް (ދޮށަ) ނިމެނީ ޑިސެންބަރު 7 ގައި. އެއީ ހުޅަނގު މޫސުމަކީ. ހުޅަނގު މޫސުމުގައި ބޮޑަށް ވާރޭވެހުނަސް، މޫސުން ފެށެނީ ވާރޭވެހެން ފެށީމައެއް ނޫން.
ޛުލީނާ
11 May 2024
ހުޅަނގު މޫސުމުގެ ފަހު ނަކަތް (ދޮށަ) ނިމެނީ ޑިސެންބަރު 7 ގައި ކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން. ރަނގަޅު ގޮތަކީ ޑިސެންބަރު 9 ވަނަ ދުވަސް. މި ކުށަށް ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.
ތެންކިޔޫ
10 May 2024
ޝުކުރިއްޔާ އިފްރާޒް. އިފްރާޒް ހުންނަ ކަމުން މި އެނގެނީ
އޭހަނދާ
10 May 2024
މައުމޫނުގެ ބަހެއް ނެތްތަ
ބަދަލުކުރާށޭ
10 May 2024
ދެން އީޕީއޭ އިން މާދަމާ އިއުލާނެއް ނެރޭނެއޭ މާލޭގެ މަގުތަކަށް އެޅޭ ފެންކަނޑަށް ވަގުތުން ބޭރުވާ ގޮތަށް ޕަންޕް ސްޓޭޝަން ތައް ބަހައްޓައިގެން އެކަން ކުރުމަކީ ކަނޑުހުދުވެ ގާހުދުވެ މަސް ހުދުވާނެ ކަމެކޭ އެހެންވީމާ މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއު ހުއްޓާލަން އީޕީއޭ އިން މިހާތަނަށް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގާ އެންގުމަކީ އެއީ ދާއިމީ އެންގުމެކޭ ވަރަށް ބޮޑަށް މަކަރާއި ހީލަތުން އުޅޭ ތަނެކޭ އެއީދޯ އީޕީއޭ ބަދަލުކުރަންވީ ސިފައިންގެ ބެލުމުގެ ދަށަށޭ
ތުނޑުހަސަނު
11 May 2024
ފެން ލޮނުވާކަމަށް ވެސް ލިޔެލާ.