ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ނެއްޓި ހިނގި ހާދިސާގައި އެ ބޯޓު ދިޔަވަނީ.
10 ޖޫން 2024 - 11:48
ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދަށް ގެއްލުން ލިބި އިއްޔެ ހިނގި އެކްސިޑެންޓުގެ މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގުކުރަން ފަށައިފި އެވެ.
އެ އޮތޯރިޓީން މިއަދު ބުނީ އިއްޔެ ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅުން ވެސްޓްއިން މޯލްޑިވްސް މިރިޔަންދު އަށް ދަތުރުކުރި ޓީއެމްއޭގެ މަތިންދާބޯޓެއް އެ ރިސޯޓަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެ، ވައިގެ ދަތުރުފަތުރުގެ ހާދިސާއެއް ހިނގި ކަމަށެވެ. އެ ހާދިސާ ހިނގީ އިއްޔެ މެންދުރު ފަހު 3:30 ހާއިރު ކަމަށް ބުންޏެވެ.
އެއީ 11 ފަސިންޖަރުންނަށް ދަތުރުކުރެވޭ ޑީއެޗްސީ ޑޭސް ހައެއް މަރުކާގެ ބޯޓެކެވެ.
އެ ހާދިސާގައި ފަސިންޖަރުންނާއި ކްރޫއިންގެ އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބެ އެވެ. އަދި ބޯޓުގައި ހުރި ދާގީނާ އަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
"މި ހާދިސާ މިހާރު ދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގުކުރަމުން،" އެ އޮތޯރިޓީން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ބޯޓުގެ އެއް ކަނދަށް ގެއްލުން ލިބި ބޯޓު މޫދަށް ޖެއްސުމުން ބޯޓުގެ އެއްފަޅި އޮތީ ދިޔަވެފަ އެވެ.
މިފަހުން ޓީއެމްއޭގެ ބޯޓެއް ރިސޯޓެއްގެ ފާލަމެއްގައި ޖެހޭހާ ތިރިން ދަތުރުކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލާގައި، ބޯޓު ދުއްވި ޕައިލެޓް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy