މޫސުން ގޯސް ދުވަހެއްގައި ރަސްފަންނުގެ ތޮށިގަނޑު މަތީގައި މީހަކު ހުއްޓާ ރާޅެއް ޖަހަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
31 ޑިސެމްބަރ 2024 - 10:32
އާ އަހަރާ އެކު އިރުވައި މޫސުމުގެ ހަޅަޖަހަން ފަށައި، ބަންދު ތެރޭގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ މި ފެށޭ އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރާމާ އެކު، ބޯކޮށް ވާރޭވެހި، ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އިރުވައި މޫސުމުގެ ހަޅަ ޖަހަން ފަށާފައިވާ އިރު، އެއީ އިރުމަތީ ފަރާތުން ގަދަޔަށް ވައި ޖެހުމެވެ. ނަކަތް ބުނާ ގޮތުން ހަޅަ ލައްވާލާނީ ޑިސެމްބަރު 23 އިން ފެށިގެން ޖެނުއަރީ 18އާ ހަމައަށެވެ. އެއީ ހަޅައަށް ހާއްސަކޮށް ނަން ދީފައިވާ އިރުވައި މޫސުމުގެ ފުރަހަޅަ އާއި އުތުރުހަޅާގެ ދުވަސްތަކުގަ އެވެ.
ހަޅާގައި ގަދަ ވަޔާ އެކު، ކަނޑު ވެސް ގަދަވެ އެވެ.
ޑިސެމްބަރު 23 އިން ފެށިގެން ކުރިއަށް މިދަނީ އިރުވައި މޫސުމުގެ ދެވަނަ ނަކަތް ކަމަށްވާ ފުރަހަޅަ ނަކަތުގެ ދުވަސްތަކެވެ. މި ދުވަސްވަރު އިރު އުތުރުން ބާރަށް ވައިޖެހި، ކަނޑުތައް ގަދަވެ އެވެ. ފުރަހަޅަ ނިމޭނީ އަންނަ އާދިއްތަ ދުވަހު އެވެ.
ކަނޑުގަދަ ދުވަހެއްގައި މާލެއިން ފުރައިގެން ދޯންޏެއް ދަތުރުކުރަނީ.-- ފޮޓޯ: ނިޝަން އަލީ | މިހާރު
ނަމަވެސް، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކު، ދިވެހި ނަކަތާއި މޫސުން ދިމާނުވާ ފަހަރު މިހާރު ވަރަށް ގިނަ އެވެ. އެހެންވެ ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ނަކަތްތައް ވެސް، ކުރީގެ ދުވަސްވަރާ ބަލާއިރު، ގިނަ ފަހަރަށް ދިމައެއް ނުވެ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް އިރުވައި މޫސުން ފެށުނު ކަމަށް ނިންމަނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުން، އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމުންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް އިރުވައި މޫސުން ފެށުނު ކަމަށް ނިންމީ ޑިސެމްބަރު 24 ގަ އެވެ. އެކަމަކު، މެޓް އޮފީހުން ބަލާ މިންގަނޑުން މިފަހަރު އިރުވައި މޫސުން ފެށޭ ދުވަސް މި ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، މި ފެށޭ އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ އެވެ.
⚠️Weather Conditions Expected to Deteriorate During New Year Holiday in the Maldives. Attached is the MMS WRF Model run on 30 Dec at 1700 hrs, indicating heavy rain and strong winds across the Maldives. Stay informed. pic.twitter.com/bZBoL4TCPq
— Maldives Meteorology (@MetMaldives) December 31, 2024
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހޭނީ އުތުރާއި އިރު އިތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. އެހެންވެ، ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
ދިވެހި ނަކަތުގައި ލަފާކުރާ މޫސުމާ ދިމާވާ ނަމަ، މޫސުން ހަމަޔަަކަށް އެޅޭނީ އަންނަ މަހު 18 ގައި އުތުރުހަޅަ ނިމި، ޖެހިގެން އަންނަ ދުވަހު ހުވަން ނަކަތް ފެށުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުންޕާ
31 December 2024
ނޫނޭ. މޫސުން ގޯސްވާނީ ޖޫން ޖުލައިގަ އެކަނި.
މަބުނީ
31 December 2024
ފެންހިންދާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީ ޕަންޕުތައް ރެޑީކޮށް ވެހެން ފަށާއިރަށް ޕަންޕު ޖައްސަން އިލްތިމާސްކުރަންޖެހޭ. އެހެނީ ކަނޑުދަތުރުވެރިން ސަމާލުވިޔަސް ފެންހިންދަމީހުން ސަމާލުނުވާތީ ގޭގެއަށާ ފިހާރަތަކަށް ފެންވަދެ ރައްޔިތުންނަށް އެތައް ގެއްލުންތަކެއްވޭ
މުއިއްޒު ބޭބެ
31 December 2024
މިކަމުން ވެސް ގޯސްވާނީ ސަރުކާރު
ޝޭމް
31 December 2024
އާނ. މައުމޫނު ހުރިނަމަ މިހެން ނުވީސް.