ރ. އުނގޫފާރުގައި ޕާސްޕޯޓާއި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
21 ޖެނުއަރީ 2025 - 23:32
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރ. އުނގޫފާރުން ލިބޭނެ އިންތިޒާމު ސަރުކާރުން މިރޭ ހަމަޖައްސައިފި އެވެ.
އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދު އެވެ. އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.
އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސިއިރު ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ހިދުމަތް މި އަހަރު ރާއްޖެ އަށް ފުޅާކުރާނެ އެވެ.
ސަރުކާރުން ވަނީ މުޅި ރާއްޖެ އަށް އެ ހިދުމަތްތައް ފުޅާކުރާނެގޮތުގެ މަގު ޗާޓެއް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އާންމުކޮށްފަ އެވެ.
މުޅި ރާއްޖެއިން އެ ހިދުމަތް ދޭން ފަށާއިރު، މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.
އެހެން ސަރުކާރުތަކަށް ވެސް އެކަން ނުކުރެވި އޮތީ އެފަދަ ގޮންޖެހުންތަކާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާ އެކު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް މިނިސްޓްރީއެއް އެކުލަވާލާފައި އޮތުމުން އެ މަގު ފަހިވެފައިވާ ކަަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ އިތުރުން އުނގޫފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރަކާއި އޭޓީއެމް ގާއިމުކުރުމާ ގުޅޭ ގޮތުން މިރޭ ވަނީ އެ ރަށު ކައުންސިލާއި އެ ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރ. އަތޮޅުގައި ވެރިކަން ކުރާ އުނގޫފާރުން މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުފްޝާން
23 January 2025
ބަލި މީހުންނާއި މުސްކުޅި ބޭފުޅުން އުފުލަން ޖެހުނު ބުރަ ނިމުމަކަށް މިއައީ އިރާދަކުރެއްވިއްޔާ، މީ ހަމަ ހަގީގަތުގަވެސް މަނިކުފާނުކޮށްދެއްވި ވަރަށް ރަނގަޅުކަމެއް
ޔަގީން11
22 January 2025
ތިޔަ ޕްރިންޓްކުރާ އެންމެން ތިބޭނީ ޕީއެންސީއަށް ވައްދާފަ.
ފަހަތައް ފަހަތައް
22 January 2025
ޕުރިންޓަރެއްގެންދިޔައީއުތަ؟ އެސްޓޯނިޔާގަ ހުރެފަބުނީ ޑިޖިޓަލްކުރާވާހަކަ އުނގޫފާރުގަ އަނެއްކާވެސް މުސްކުޅިގޮތައް ދާވާހަކަ...
ޑރ ވާންޗޯ
22 January 2025
އެހެންވީމަ ދެންއަންނަ ރިޔާސީއިންތިޚާބެއްގަ އެކަކުގެނަމުގަ ދެތިން އައިޑީކާޑު އޮންނާނެތާ. ފަޅާއެރިޔަސް ޒިންމާވާނެ ބަޔަކުނުވާނެ، އައިޑީކާޑުހެދޭ ކޮންމެތާކުންވެސް ބުނާނީ ތިޕްރިންޓްތީ މަށެއްނޫން އޭނަ .
އެކްސިް
22 January 2025
ދުނިޔޭގެ ފުރަތަމަ ޕްރިންޓު ކުރާ އައިޑި ކާޑު :ޕ
އަބްދުﷲ މަޝްއޫދު
22 January 2025
މިކަންކަން ވެގެން ރައްޔިތުންނަ ބުރަތަކުން ސަލާމަތް ވާނީ. މިބުނީ މިކަން އަމިއްލަ ރަށުން ވުމުން މާލެ ދާކަށް ނުޖެހޭނެ.އަދި އެހެން އަތޮޅުގެ ރައްތަކުންވެސް ނުޖެހޭނެޔޭ.
ކަލް
22 January 2025
އައިޑީ ކާޑް ޕްރިންޓް ކުރާނެކަމެއްނެތް ޑިޖިޓަލްކުރޭ
ހަސަން ނިހާމް
22 January 2025
ދެން މި ރަށު މީހުން ނުޖެހޭނެ ދޯ މާލެ އަންނަން. ސަޅި
މަމްނޫހް މުހައްމަދު
22 January 2025
މީ އަހަރުމެން އުގޫފާރު ރައްޔިތުުންގެ ވަރަށް ދުވަސްވީ އުއްމީދެއް. ޝުކުރިއްޔާ ސަރުކާރު
މިކަން ނިންމަން ހޮވީ
21 January 2025
ކުލި އުޅެނީ 35000 ހުން މަތީގަ. 1 މަސް އެޑްވާންސޯ. 1 މަސް ސެކިއުރިޓީއޯ. 1 މަސް ދަތުރެއް އަޅާލާށޯ. ބޯހިޔާ ވަހިކަން ލައްކައިން މަތީގަ