ފުލުހުންގެ މައި އިދާރާ: އަމުރުގައި ޖެހީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދޭން، އެއީ އާންމު އުސޫލު ކަމަށް ފުލުހުން ބުނި
21 އެޕްރީލް 2025 - 12:28
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ލިޔަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭން ކަމަށާއި އެގޮތަށް އަމުރު ދިން ނަމަވެސް ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ނެރުނު ބަޔާނުގައި ފުލުހުން ބުނީ ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.
އެ ދެ މީހުންނަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށެވެ.
އެކަން ސާފުކޮށްދޭން ފުލުހުން ނެރުނު ބަޔާނުގައި ފުލުހުން ބުނީ ޖިނާއީ ތަހުގީގަކަށް ފޮޓޯ ނަގަން ބޭނުންވާ ނަމަ، ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާ ނަމަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށާއި އެ މީހެއްގެ ރުހުން ނުދޭ ކަމަށްވާ ނަމަ، އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނޭތީ ހަށިގަނޑުގެ ބޭރު ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާން ކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެ ކަން ސާފުކޮށްދިނުމަށެވެ." ބަޔާނުގައިވެ އެވެ.
އެ ބަޔާނަށް ފަހު އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ފުލުހުން ފަހުން ފޮނުވި މެސެޖުގައި ބުނީ "ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން" ކަމަށެވެ. އަދި ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.
ފުލުހުން ބުނީ އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިޝަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.
ފުލުހުން ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ ފުލުހުންނަށް ލިބިފައިވާތީ، އެ ވީޑިއޯ އިން ފެންނަނީ އެ ދެ މީހުންކަން ދެނެގަތުމަށް ކަމަށް ބުނެފައި ވެ އެވެ. އަދި މިއީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގާ ތަހުގީގެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ ގަވާއިދުގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމުގައި އަމަލު ކުރަންޖެހޭ ވަކި ހާއްސަ އުސޫލުތަކެއް އޮވެ އެވެ.
އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ މަންދީއާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާކޮށް، ފެމެލީ ކޯޓުގައި ވެސް މަންދީގެ މައްޗަށް ދައުވާކޮށްފަ އެވެ. މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ ރައީސްގެ ދަރިކަލުން ވޭޕްކުރަން ފެށުމުން ކަމަށް ދޭހަވާ ގޮތަށެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސް މުއިއްޒުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެއީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
22 April 2025
މީހުން ފުލުހުންގެ އޮފީހަށް ގެންގޮސް ހެރަސްކުރުމުގެ މަގުޞަދުގައި އަންނައުނު ބާލުވައި ފޮޓޯނަގަމުންދާކަން މިހާރު ގަބޫލުކުރަން. ކުރިން މީހުން އެކަހަލަ ވާހަކަ ދެއްކިޔަސް އެއީ ހަގީގަތްކަމަކަށް ނުދެކެން. އެކަމަކު މިމައްސަލަ ދާގޮތުން މިހާރު އެއީ ތެދުކަން ޔަގީންވޭ.
ސިޔާދާ މުހައްމަދު
22 April 2025
މަންދީމެންގެ ފޮޓޯ ނެގުން ނޫން މައްސަލއަކީ. ޅަ ކުއްޖެއްގެ ހަޔާތާ ބެހުން މައްސަލައަކީ. ކުއްވެރި ކުރަން މިކަން. މަންމައެއްގެ ހައިސިއްޔަތުން
ރިޒުހާން މުހައްމަދު
22 April 2025
އަސްލުވެސް ނުނަގާ.މަ މިކަން ޔަގީން ކޮށްފިން ޕޮލިސް މަތީ ފަރާތަކަށް ގުޅައިގެން.
ދެންނޯ
22 April 2025
ދެން ކޮން ފޮޓޯއެެއްގެ ވާހަކައެއް މިދައްކަނީ؟ މިރާއްޖޭގައި މިނޫނީ ކަމެއް ނުހިނގަނީތަ؟
މުފީދު މުހައްމަދު
22 April 2025
ސިޔާސީ ގޮތުން ނުކުރަން ޖެހޭ ކަންކަން ކުރީމަ ދައުވާވެސް ކުރާނެ. ތަހުގީގްވެސް ކުރާނެ.
ސިޔާސަތު
22 April 2025
ސިޔަސީ ވިޔަސް ކޮންމެ ކަމެއްގައި ވެސް ހައްދަކާއި ހުދޫދެއް ނޯވޭތަ؟ ދެން އޮރިޔާންކޮށް ފޮޓޯ ނަގަނީ ކޮން ހެއްކެއް ހޯދަން
އައިޝަތް ހަސަން
22 April 2025
މަންދީމެންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ. ކުޑަކުދިން ބޭނުންކޮށްގެން ސިޔާސީ ނުވެވޭނެ
އަޝްމަލް މުހައްމަދު
22 April 2025
ކޮބާ ފެނޭ؟ ދެން ކީކޭ އިދިކޮޅުން ބުނާނީ؟ މިއޮތީ ހަދަން އުޅުނު ދޮގުގެ ހަގީގަތްވެސް.
ރިހުލާ މުހައްމަދު
22 April 2025
އެމްޑީޕީއިން ކަންކަން އޮޅުވާލާ ވަރު މިހުންނަނީ. މިހެން ހުސް ދޮގު ހަދަނީ.
ދަނާލު
22 April 2025
އެމްޑީޕީން ތަ ފުލުހުންތަ އޮންބަޑު ޕާސަނޭ ކިޔައިގެން އޮޅުވާލީ، ވަކީލު އާޒިމާ އެބުނަނީ ތިމަންމެން ނޭދެމޭ، ޖިނާއީ ތަހުގީގެއް ކުރާކަށް. އެކުއްޖާގެ މައްސަލަ އެންމެ ބޮޑަށް މުޖުތަމައަށް ފާއްދާލީ ކޮންބައެއް؟
އަފްރާސިޔާބު
21 April 2025
ދެން ކޮބައިތޯ ސައްތައިންސައްތަ އިސްލާމީގައުމެއްގައި ގައިރު މުސްލިމުން ގެންގުޅޭ ހަމަ ގެންގުޅެންވީ. ކޯޓުންފޮނުވާ ޗިޓް ގައި އެހެން ލިޔެފައި އޮތުމަކީ މިގައުމުގެ ރައްޔިތުންނަށް ކުރިމަލާމާތެއް. ތަހްގީގުގެ ބޭނުމަށް އެބާވަތުގެ ކަންކަންމީހުން ކުރަނީ ރާއްޖޭއަށް އެތެރެކުރުން މަނާ އެއްޗެއް އަންހެނަކު މެދުވެރިކޮށް ފޮރުވައިގެން އެތެރެ ކޮށްފާނެ ނުވަތަ ޖިންސީހާނިއްކައެއް ބަޔަކުކޮށްގެން އެކަންސާބިތުކުރުމަށް. ކާފަރު ގައުމުތަކުގައި އިސްލާމުންނާމެދު ކަންތައްކުރާގޮތް
ހަސަނު
21 April 2025
ދިވެހި ފުލުހުންނަކީ ޒަމާނުއްސުރެ ސިޔާސީ ބައެއް... އެއިރަކު އެ އޮންނަ ސަރުކާރުގެ ޓޫލް އެއް ފުލުހުންނަކީ...
ކިޔާމަ
21 April 2025
މިހާރު ޕޮލިހަށް މިވަނީ ކިހިނެއްތޯ. ބަޔާން ނެރޭ ހިސާބަށް މިދަނީ ގައިމު ކަމެއް ވެގެން. މައްސަލައަކީ ތަޖުރިބާ މަދުވުން. މިއަށްވުރެ ހަރުދަނާ ވާންޖެހޭ.
ދޫލަ
22 April 2025
ހެޔޮކޮށް ތިބުނީ! އިހަށްދުވަހު ބޮޑު ބަޔާނެއް ނެރުނީ ބޭންކް އޮފް މޯލްޑިވްސުން، ބަޣާވާތެއް ގެންނަން އުޅެގެން އެކަން ތަޙުގީގު ކުރާވާހަކަ، އެކަމަކު މިހާތަނަށް އެކަމުގެ އެއް ވެސް ޚަބަރެއް ދަބަރެއް ނުވޭ. ސަރުކާރުގެ ކަންތަކާ މިހާރު ވިސްނާ މީހަކުވެސް ބޯހަލާކު ވެދާނެ.