މީގެ ކުރިން މާލެއަށް ވިއްސާރަކުރި ދުވަހެއްގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ސައިކަލެއް ދަމާފައި ގެންދަނީ: ކުރިއަށް އޮތް ދެ ދުވަހު ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
28 ޖުލައި 2025 - 11:13
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްރަށަށް މިއަދު ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އަދި މާދަމާ އާއި ބުދަ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކަނޑުތައް އާންމު ގޮތެއްގައި އަދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ވަރަށް ގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އެހެން އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު އެވެ.
ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
މިދިޔަ ހަފުތާގައި ވެސް ރާއްޖެއަށް މޫސުން ވަރަށް ގޯސްވި އެވެ. ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންވި އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މާދަމާ ހުޅަނގު މޫސުމުގެ އަހުލިހަ ނަކަތް ފެށޭނެ އެވެ. މި ނަކަތުގައި އާންމު ގޮތެއްގައި ވިއްސާރަ ވެހޭ ދުވަސްތައް މަދުވާނެ އެވެ. އަދި ވަޔާއި މޫދު ވެސް އާންމު ގޮތެއްގައި މަޑުވާނެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިތާރަނަ
28 July 2025
އަދި ޑިސެންބަރުމަސް އަންނާން ގާތްވެސްނުވެއެއްނު.