ނޯތު ހާބަރުގައި ދޯނިތަކެއް އަޅާފައި..-- މިހާރު ފައިލް ފޮޓޯ
21 އޯގަސްޓް 2025 - 21:46
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދާތީ އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން، އެ ސަރަހައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ދެ ސަރަހައްދެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފި އެވެ.
އެމްޕީއެލްގެ އިއުލާނެއްގައި ބުނީ އެމްއެމްއޭ ކުރިމަތި ފަޅު ބަންދުކުރުމުން، އެ ސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ފެރީތަކަށް ހުއްޓުމެއް ނެތި ހިދުމަތް ދޭނީ އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތު ވެސްޓް ހާބަރު (ޓީޖެޓީ) އިން ކަމަށެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެތަނުން ހިދުމަތް ދޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ތިން މަސް ދުވަސް ހަމަވެ، މާރާމާތުގެ މަސައްކަތް ނިމުމުން އެ ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާ ގޮތަށް ހިދުމަތް ފޯރުކޮށްދޭނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން މަގު ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ސަރުކާރުން ބުނެފައިވަނީ އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނު އޮންނަ ގޮތަށް ކަމަށެވެ. މި މަސައްކަތް 455 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy