ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން ސަލާން ކުރައްވާއިރު އަރިހުގައި ހޯމް މިނިސްޓަރު އިހުސާން.---ފޮޓޯ: ރައީސް އޮފީސް
04 އޮކްޓޯބަރ 2025 - 18:41
އެމްޑީޕީން އިސް ނަގައިގެން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުން ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމަކަށް ބަދަލުވުމާ ގުޅިގެން އެއީ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ސިފަކުރައްވައި ފާޑުވިދާޅުވެއްޖެ އެވެ.
ރޭގެ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗުގައި "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެއްވުން ފެށި ނަމަވެސް އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކޮށްލުމާ އެކު، އެ މީހުންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގި އެވެ. އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުންކުރިއިރު ބައެއް މީހުންނަށް އަނިޔާވި އެވެ.
އެ ކަންކަމާ ގުޅިގެން ނައިބު ރައީސް ހުސައިން އެކްސްގައި ވިދާޅުވި ގޮތުގައި އެއީ ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްސަމަސަލަސްކަން ނަގާލައި ހަލަބޮލި ކުރުމަށް އެމްޑީޕީން ބޭއްވި ހަރަކާތެކެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެއްވުމުގެ ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގަށް ވަނުމަށްޓަކައި ފުލުހުންގެ ސަފު ފޫއަޅުވައިލަން އުޅުމުން ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ: އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ މަނިކުފާނު ވިދާޅުވީ އެއީ ރައްޔިތުންގެ ބާރާއި ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަ ކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރާވައިގެން ހިންގި ޓެރަރިޒަމްގެ ހަރަކާތެއް ކަމަށް ސިފަކުރައްވާ ކަމަށެވެ.
"އަދި އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ގަބޫލުފުޅު ކުރައްވަ އެވެ.
ނައިބު ރައީސް ވިދާޅުވީ އެއްވުން ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ފުލުހުން ތަކުރާރުކޮށް ބުނެފައި ވަނީ ރޭގެ އެއްވުން މަޖީދީ މަގުން ކުރިއަށް ގެންދަން އެމްޑީޕީން މަސައްކަތް ކޮށްފައި ވަނީ އެ ޕާޓީ އާއި ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވި ގޮތާ ހިލާފަށް ކަމަށެވެ. އަދި ހުއްދަ ދިނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ކުރިއަށް ދާން ކަމަށް ބުންޏެވެ.
ނަމަވެސް އެމްޑީޕީން ބުނީ، އެއްބަސްވުމާ ހިލާފުވީ ފުލުހުން ކަމަށާއި އެ ޕާޓީން ގުރޫޕުތައް ނެރެ ހަމަނުޖެހުން ހިންގާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ދެ ދުވަސް ކުރިން ބަޔާން ނެރުނީ ވެސް ފުލުހުން ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ބުންޏެވެ.
ރޭގެ އެއްވުމުގެ ތެރެއިން 8 މީހަކު ހައްޔަރުކޮށް އެކަކު ފިޔަވައި އެންމެންނަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ މުއްދަތަށް ބަންދު ޖެހި އެވެ. އެކަމަކު، އޭގެ ފަހުން އޭގެ ތެރެއިން އެކަކު ވަނީ މިއަދު ހަވީރު ދޫކޮށްލައިފަ އެވެ. އެއީ އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާރިސާ
05 October 2025
ނޫސްވެރިންގެ ހައްގުތަކަށް އަރާއިގަނެގެން އެމީހުން ނުކުތީމާވެސް ބުނި ޓެރަރިޒަމްއޭ! މިސަރުކާރުގެ ސައްޚަކަން ގެއްލި ހޮޅިވެގެން ދައްކާ ފެންނުހިފޭ ވާހަކައެވެ.
ކައިކައި
05 October 2025
ސަރުކާރު ސިހި ކޮރަޕްޝަން ހިންގަން ތިއްބާ ހޭލެވި ކުރީ ސަރުކާރޭ މާގިނައިން ގޮވި ސުލްހަވެރި އެއްވުމެއްގެ ތެރެއަށް ފުލުހުން ނެރެ ރައްޔިތުން ތަޅާ ރޯނާ ގަންނަވާފައި އަދިވެސް މިކިޔަނީ ޓެރަރިޒަމްއޭ!! މިސަރުކާރަކީ އުފެދުނީވެސް ދޮގާއި މަކަރުގެ ތެރެއިންނެވެ. ދެންވެސް ހަދަނީ ދޮގާއި މަކަރެވެ. މިދިޔަ މަޖިލިސް އިންތިޚާބަށް ސަރުކާރު ކުންފުނިތަށް ދަވާލާފައި ނުކުމެ މިކިޔަނީ ކުރީ ސަރުކާރެވެ.
ކާނި ހޮޓާ
05 October 2025
ޑޮލަރު އަގުބޮޑުވެ ކާބޯތަކެތި އަތްނުފޯރާ ވަރަށް އަގުބޮޑުވެ ކުންފިނިތަށް ދަވަމުން ކުރީ ސަރުކާރޭ ގޮވާ ބައިތުލްމާލު ކައިހުސްކޮށް އެވާހަކަ ދައްކަން ތިބި ނޫސްވެރިން އުލުބައިންދަން ގޮވާފައި ނިކުމެ އެހެން މީހުންނަށް ޓެރަރިޒަމްއޭ ކިޔުން ވަރަށްތާހިރެވެ. އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށް ދީފައިވާ ކަމެކެވެ. ހުރިހާ ކަމަކަށް ދޮގުހަދަމުން އުޅުން އެއީ މިސަރުކާރުގެ ސިފައެވެ.
ބަރުބާދު.
05 October 2025
ކުޑަ ކުދިންނާއި ނުގުޅޭ މަގާމު ދިނީމާ ޓެރަރިޒަމުގެ ވާހަކަ ދެއްކޭނީީީ؟
ބަލާބަލަ
05 October 2025
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2-60 (ހ) ގައި ބުނާގޮތުން ޓެރަރިޒަމްގެ ޢަމަލެއް ހިންގާކަން އެނގިހުރެ އަންގަންޖެހޭ ފަރާތަކަށް ނާންގާ ސިއްރު ކުރުމަކީ ކުށެއް. އަދި މި ކުށް ކޮށްފި މީހަކު 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ. މިކަން ބަލަންވާނެނު.
ޥިލްސް
05 October 2025
ދެން ފެންނާނީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ތި ޕާޓީ ކަނޑައަޅާތަން. ލޮލް…
ޙ. ޙުސައިން
05 October 2025
ވެެރިކަން ލިބުނުތާ އަދި މާ ދުވަސްތަކެއްނުވޭ، އަޅެ ވެރިކަމަށް އަންނާންވެގެން އުޅުނުގޮތާއި ކުރިން ކަންތަަށްތަށް ހަނދާން ކޮށްލަބަލަ. އެއަށްފަހު ތި ބުނެވުނު އެއްޗެއް ހަމަޖެހޭތޯ ވިސްނަބަލަ. ފައިދާވާކަހަލަ ކަމެއްނުކުރެވޭތާގަ ހަމަޖެހޭވާހަކައެއް ދެއްކޭތޯބަލަންވާނެ.
އަހާލީ ބައި
05 October 2025
ތެރަރިޒޯމް ހިންގީ އަސްލު ކޮން ބައެއްބާ؟ ހާޓު އެޓޭކު ޖެހުނީ މުޒާހަރާގެ ބައިވެރިއަކަށް. އެހެންވީމަ؟؟؟
ވާންޗޮ ބުރާންޗޮ
05 October 2025
ބޮޑެތި ބަސްބަސް އެކަމާ ނުގުޅޭ ހާލަތްތަކުގައި ބޭނުންކޮއްގެން މީހުންނަށް ކަމެއް އޮޅުވާލަން އުޅުން ކަޑައޭ. ނަސީބެއް ޖެނޮސައިޑެކޭ ނުބުނިކަން. ލޮލް
އަދާލަތު
05 October 2025
ރަނގަޅުވާހަކައެއް އެ ވިދާޅުވީ. މުޒާހަރާގެ ވަކިހިސާބަކުންފެނިގެންދިޔައީ، ޤާނޫނު އަސާސީއާއި، ހެދިފައިވާޤާނޫނުތަކާއި، ޤާނޫނުލްޢުޤޫބާތާއިޚިލާފު ޙަމަލާދިނުމުގެ މަންޒަރުތަކެއް. މިއީ ވަރަށްހިތާމަހުރިކަމެއް. އެ ޢަމަލުކުރިބަޔަކު އެ ހިންގީ ސީދާ ޓެރަރިސްޓް ޙަރަކާތްތަކެއް.
އަފްރާސިޔާބު
05 October 2025
ގާނޫނުގައި އޮވޭތަ މުޒާހަރާކުރެވޭ ގޮތެއް. އެގޮތަށް އޮތިއްޔާ އެގޮތަށްތާ ކުރާނީ. ފުލުހުން މުޒާހަރާ ކުރީ އަދި ސިފައިން މުޒާހަރާކުރީ ގާނޫނުގައި އެމީހުންނަށް ދީފައި އޮތް ހައްގު ތަކުންތަ. މިގޮތަށް ބަދަލުކުރިނަމަ އެމީހުންކުރާނީ ގާނޫނާ އެއްގޮތަށް.