އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސްރީ ލަންކާ އާއި މެލޭޝިއާ ފިޔަވައި ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ސީލިން ހަމަވާ ވަރަށް މީހުން ނެތުމުން ކަމަށް އެ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އަހުމަދު ސޮލާހު ރަޝީދު "މިހާރު" އަށް ވިދާޅުވީ، އެ ކޮމިޝަނުން ނިންމާފައި ވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ދިވެހިން ދިރިއުޅޭ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާއިރު، އެ ގައުމެއްގައި އުޅޭ ދިވެހިންގެ އަދަދު 2،000 އަށް އެރުމަކީ ސީލިންއެއް ކަމަށް ބެލުމަށް ކަމަށެވެ. އަދި އެއް ދާއިރާއަކުން ވޯޓުލެވޭ 40 މީހުން އެ ވޯޓު ފޮށްޓެއްގައި ރަޖިސްޓަރީ ކުރުމަކީ ވެސް ޝަރުތެކެވެ.
"އެ މިންގަނޑަށް ފެތުނީ މެލޭޝިއާ އާއި ލަންކާ އެކަނި. ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މައުލޫމާތު އެއްކޮށްފައި އެ ގޮތަށް ނިންމީ،" ސޮލާހު ވިދާޅުވި އެވެ.
ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައި އޮތުމުން ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އީސީން ބުންޏެވެ.
ސޮލާހު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮށްޓެއް ބަހައްޓާއިރު ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ އެ ކަމަކަށް ވެސް އީސީން ރިއާޔަތް ކުރި އެވެ. އެ ނިންމުން ނިންމުމުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް ވެސް ވަރަށް ބޮޑަށް އިސްކަން ދެއްވި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"އެންމެ މީހަކު ވޯޓުލާން ރަޖިސްޓަރީ ކޮށްފިއްޔާ އެ ވޯޓެއްގެ ސިއްރުކަން އެބަ ގެެއްލޭ. އެންމެ އިސްކަން ދޭން ޖެހެނީ ވޯޓުގެ ސިއްރު ކުރަން ކަށަވަރު ކުރަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓު ހިންހާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަނީ 50 ރިސޯޓުގަ އެވެ.
ސޮލާހު ވިދާޅުވީ، އެއީ ވޯޓުފޮށި ބަހައްޓަން ބޭނުންވި ރިސޯޓުތައް ކަމަށާއި ބޭނުން ނުވާ އެއްވެސް ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށެވެ.
"ރިސޯޓުތަކަކީ އެއީ ވަކި ބައެއްގެ ޕްރޮޕަޓީތަކެއް ކަމަށް ވާތީ އެ ތަންތަނުން ބޭނުން ވެގެން އަޅުގަނޑުމެންނަށް ވޯޓުފޮށި ބެހެއްޓޭނީ. ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ވެސް އަޅުގަނޑުމެން ބަލާފައި 50 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަން ނިންމީ،" ސޮލާހު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމަށް ޝަރުތު ހަމަވަނީ 294,937 މީހުން އެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ވޯޓާސް ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށެވެ. ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުަފަހު ތިނެއް ޖެހުމާ ހަމައަށެވެ.
އީސީން ބުނެފައިވާ ގޮތުގައި އިންތިހާބުގައި ވޯޓުލުމަށް 621 ވޯޓުފޮށި ބަހައްޓާނެ އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ބަހައްޓާނީ 321 ފޮއްޓެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއި ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ އާއި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެކުގައި ބާއްވާއިރު އެ ދެ އިންތިހާބުގައި ހޮވާނީ 1،362 މެމްބަރުންނެވެ. ހަރަދުތައް ކުޑަކުރުމަށް ގާނޫނަށް މި ފަހުން ގެނައި ބަދަލާ އެކު 2020 ގައި ބޭއްވި އިންތިހާބަށް ވުރެ މި އިންތިހާބުގައި 550 މެމްބަރުން މަދުވާނެ އެވެ.