މިދިޔަ ހަފުތާގައި އާރުޓީއެލް ސްޕީޑު ފެރީގެ ހިދުމަތް ފެށި ފ. އަތޮޅާއި ދ. އަތޮޅުގައި އެ ހިދުމަތްދޭ އަގުތައް މިއަދު އާންމުކުށްފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ ދެ އަތޮޅުގެ އާރުޓީއެލް ހިދުމަތަކަށް ކޮޅަކަށް އަރާނެ އަގުތައް އާންމުކޮށްފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފ. އަތޮޅާއި ދ. އަތޮޅުގައި ވެސް އާރުޓީއެލް ފެރީގެ އެއްކޮޅު ދަތުރެއްގެ އަގު ފެށެނީ 35ރ.  އިން ކަމަށެވެ. އަދި ދެކޮޅު ދަތުރަކަށް އެންމެ ގިނަވެގެން ދައްކަން ޖެހެނީ 130ރ. އެވެ. 

ފ. އަތޮޅާއި ދ. އަތޮޅާ ދެމެދުގައި ދަތުރުކުރާ ނަމަ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 130ރ. އިންނެވެ. އަދި ދެކޮޅު ދަތުރުގެ އަގު އެންމެ ބޮޑުވެގެން ވެސް އުޅެނީ 300ރ. ގަ އެވެ. 

އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތު ޓިކެޓު ނެގޭނީ އާރުޓީއެލްގެ ވެބްސައިޓާއި މޮބައިލް އެޕް މެދުވެރިކޮށެވެ.

އާރުޓީއެލްގެ ހިދުމަތް އެންމެ ފަހުން ފެށީ ރ. އަތޮޅުގަ އެވެ. 

އޭރު އެމްޓީސީސީން ބުނެފައިވާ ގޮތުގައި ހަފުތާއެއް ވަންދެން ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފައިވެ އެވެ. 

އަގު ނަގައިގެން ހިދުމަތް ދޭން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. 

އާރުޓީއެލް ފެރީގެ ހިދުމަތް 12 އަތޮޅެއްގެ 123 ރަށަކަށް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.