އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ.  

އަލިފާނުގެ ހާދިސާ ހިނގީ، އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓަށް އީސީން އިދާރީ ހުރިހާ މަސައްކަތެއް ކުރާ، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގަ އެވެ. އެމްއެންޑީއެފްގެ ފަޔާފައިޓަރުން މިހާރު ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފަ އެވެ. 

އީސީގެ ރައީސް މުހައްމަދު ޒާހިދު ދެންމެ މީޑިއާތަކަށް ވިދާޅުވީ އެ ތިން އިންތިހާބަށް އެ ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކަށް މި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. 

"އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި އިކުއިޕްމަންޓްސް އާއި ހުރިހާ އެއްޗެއް މިހާރު އެ ހުރީ ސެކިޔޯކޮށް، އަޅުގަނޑުމެން ބޭރަށް ނެރެފައި،" ޒާހިދު ވިދާޅުވި އެވެ. 

"އެހެންވެ، އިންތިހާބުގެ އެއްވެސް ކަމަކަށް އެއްވެސް ބުރޫއެއް ނާރައި، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން." 

އީސީގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް

ޒާހިދު ވިދާޅުވި ގޮތުގައި، އީސީން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ފައިނަލް ވޯޓާސް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމެވެ. މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ މަސައްކަތް މެދުކަނޑާލަން ޖެހުނެވެ. 

ނަމަވެސް، ފައިނަލް ވޯޓާސް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ކަންކަން ހަމަ ކުރިން ކަނޑައަޅާފައި އޮތް ގަޑިތަކުގައި ސޯޝަލް ސެންޓަރުގައި މާދަމާއިން ފެށިގެން އަލުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޒާހިދު ވިދާޅުވީ އިންތިހާބާ ބެހޭ މަރުކަޒާ މިހާރު ހުރި އިމާރާތަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެކަށް އެ ކޮމިޝަނުގެ މަސައްކަތްތައް މާދަމާއިން ފެށިގެން ވަގުތީ ގޮތުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ. ސޯޝަލް ސެންޓަރަށް ހުރިހާ ސެޓަޕެއް މިރޭ ގެންގޮސް، މާދަމާ ހިދުމަތް ދެވޭ ވަރަށް ތައްޔާރުވެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ގުދަނުން ދުން އަރާ ކަމުގެ މައުލޫމާތު ލިބުމާ އެކު މިރޭ 10:00 ހާއިރު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން އެތަނަށް ދިޔައިރު ވެސް ވަނީ ގުދަނުގައި އެއްކޮށް ރޯވެފަ އެވެ. އެ ވަގުތުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ނަމަވެސް ކެމިކަލާ އެކު ރޯވި ގަދަ އަލިފާނުގައި ހިނދުކޮޅެއްގެ ތެރޭ ގުދަން ވަނީ އަނދައި ހުލިވެފަ އެވެ. 

ރޯވީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގަ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވީ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ރައްކާކޮށްފައި ހުންނާނީ އެ ގުދަނުގައި ކަމަށާއި އޭގެ ތެރޭގައި ކެމިކަލް ވެސް ހިމެނޭ ކަމަށެވެ.