އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު މިއަދު އިޔާދަކޮށްފި އެވެ. 

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސް ކަމަށް ހައްލެއް ހޯދަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަން (ގަޕޯ) އެކަން އިއުލާން ކުރެއްވި އެވެ. 

ގަޕޯގެ ސިޓީއަކުން ކުއްލި ގޮތަކަށް އިބުރޭ އާއި މައުރޫފް މަގާމުން ވަކިކުރުމާ އެކު، ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ 55 މެމްބަރުން ސޮއިކޮށް ހުށަހެޅި އެވެ. އެކަމަކު، ލީޑަޝިޕްގައި މި 2-3 ދުވަހު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެ މައްސަލަ އަނބުރާ ގެނެސްފައިވާކަން ވެސް ކުރީގެ ވަގުތީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ އެންގެވި ކަމަށް ވެ އެވެ. 

އިބުރޭ ވިދާޅުވެފައި ވަނީ ވަގުތީ ޗެއާޕާސަން ގަޕޯ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.

 އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާއާ ހަވާލާދީ އިބުރޭ ވިދާޅުވެފައިވާ ގޮތުގައި، އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުން ދައުރު ހަމަވަންދެން ދެމިތިބެވޭނެ އެވެ. 

ނަމަވެސް މަޝްވަރާތަކުގެ އަލީގައި އިބުރޭ އާއި މައުރޫފަށް އަލުން މަގާމު ދިނުމާ އެކު، އޭގެ ބަދަލެއްގެ ގޮތުގައި ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އިބުރޭއާ އެކު މަސައްކަތްކުރާ ޓީމުން ނެގީ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލިހުން މިރޭ ވަނީ އެ މަޖިލިހުގެ ގޮނޑިއެއް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ހަމަޖެއްސުމަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ވެސް ފާސްކޮށްފަ އެވެ. އެއީ ކުރީގެ ރައީސުންނަށް ވެސް ގައުމީ މަޖިލިހުން ފުރުސަތު ދިނުމުގެ ގޮތުން ގެންނަ ބަދަލެކެވެ. 

ނަޝީދާއި އިބޫއަކީ ވެސް ގައުމީ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އަސާސީ ގަވާއިދު އިސްލާހު ކުރަން މިރޭ ފާސްކުރީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގަ އެވެ. 

އޭގެ އިތުރުން އެމްޑީޕީ ހިންގުމާ ގުޅޭ ކަންތައްތަކުގައި ވަގުތީ ޗެއާޕާސަނަށް ލަފާ ދޭން ހަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ވެސް ގައުމީ މަޖިލިހުން މިރޭ ފާސްކުރި އެވެ. 

އެ ކޮމިޓީގައި ތިއްބަވަނީ:

  1. ކުރީގެ ރައީސް މުހައްމަދު ނަޝީދު
  2. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  3. ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
  4. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
  5. ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
  6. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އެ ކޮމިޓީ ދެމިއޮންނާނީ ޗާއިމީ ޗެއާޕާސަނަކު އައްޔަން ކުރެވެންދެންނެވެ.