އެލްނީނޯ ފެށުމާ އެކު ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރު އަންނަނީ މޮނިޓާކުރަމުން ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު މޫސުމާ ބެހޭ މައުލޫމާތުގެ ބަޔާނުގައި ބުނީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯ މިހާރު އުފެދިފައިވާ ކަމަށެވެ. ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށް ވުރެ މަތީގައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި އަހަރު އެލްނީނޯގެ އަސަރުތައް ފެށިފައިވާކަން ދުނިޔޭގެ މޫސުމާ ބެހޭ އެޖެންސީ (ޑަބްލިއުއެމްއޯ) އިން ރަސްމީކޮށް އިއުލާންކުރީ މި މަހު ދޭއްގަ އެވެ. މިކަމުގެ ސަބަބުން، ނުރައްކާތެރި މޫސުމީ ހާދިސާތައް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ. އަދި ދުނިޔޭގެ ފިނިހޫނުމިނަށާއި ވާރޭ ވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެލްނީނޯގެ އަސަރުތައް އާންމު ގޮތެއްގައި ނުވަ މަހާއި 12 މަދާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަކަށް ވެސް ދިގުމެދިގެންދެ އެވެ. މިއީ ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ ބަދަލެކެވެ.
އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި ދިރޭތަކެތީގެ ނިޒާމަށް އަދި އިގުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާކަން ފާހަގަކޮށް މެޓް އޮފީހުގެ ބަޔާނުގައި ވަނީ މެދު މިންވަރަކަށް އަދި ބާރުގަދަކޮށް އެލްނީނޯ ކުރިމަތިވާ އަހަރުތަކުގައި ރާއްޖެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތައް ފެންނަ ޗާޓެއް ވެސް އާންމުކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ އެލްނީނޯގެ ސަބަބުން ރާއްޖެއަށް ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވާ ކަމަށެވެ. ކޮންމެ އެލްނީނޯ އަހަރެއްގައި ވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ ކަމަށާއި އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ މޫސުމަށް ނުވަތަ ވާރޭވެހޭ މިންވަރަށް ނުފޫޒު ފޯރަނީ ހަމައެކަނި އެލްނީނޯ އިން ނޫން ކަމަށާއި އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) އަދި މެޑަން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ) ކަހަލަ މޫސުމީ އެހެން ހާލަތްތަކުގެ ސަބަބުން ވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރުކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
"މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން ދަނީ މި އަންނަ ބަދަލުތައް ވަރަށް ގާތުން ބަލައި މޮނިޓާ ކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
އެލް ނީނޯއަކީ ކޮބާ؟
އެލް ނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން:
- ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވޭ
- ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭ ވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދޭ
- މި ހާލަތު އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދޭ
އެންމެ ފަހުން އައި ބާރުގަދަ އެލް ނީނޯގެ ސަބަބުން 2023 ވަނަ އަހަރު ވީ މިހާތަނަށް ރެކޯޑް ކުރެވުނު، ދެވަނައަށް އެންމެ ހޫނުގަދަ އަހަރަށެވެ. އަދި 2024 ވަނަ އަހަރު ވީ ތާރީހުގައި ވެސް އެންމެ ހޫނުގަދަ އަހަރަށެވެ. އެއީ ސިނާއީ އިންގިލާބުގެ ކުރީގެ އެވްރެޖަށް ވުރެ 1.55 ޑިގްރީ ސެލްސިއަސް މަތި އަހަރެކެވެ.
ޑަބްލިއުއެމްއޯ އިން ލަފާކުރަނީ ޖޫން އިން އޮގަސްޓަށް ދުނިޔޭގެ ބޮޑު ބަޔަކަށް، އާންމުކޮށް ހޫނުވާ މިންވަރަށް ވުރެ ބޮޑަށް ހޫނުމިން މަތިވާނެ ކަމަށެވެ. މީގެ އަސަރުތައް ޔޫރަޕުގެ ގައުމުތަކުން މިހާރު ވެސް ދަނީ ފެންނަމުންނެވެ.
އެ އެޖެންސީން ކުރިން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސުމީ ވިއްސާރަ ކުރާނީ އާންމުކޮށް ކުރާ ވަރަށް ވުރެ ކުޑަކޮށެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވެސް ކުރިން ލަފާކޮށްފައިވާ ގޮތުގައި މި މަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު އެހެން އަހަރުތަކުގެ ޖޫން މަހާ އަޅާބަލާއިރު އެވްރެޖުކޮށް މަދުވާނެ އެވެ.