ވިސާމްގެ މައްސަލަ އިސްތިއުނާފްކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި ޕޮރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ނޫސްވެރިންނަށާއި މިނިވަން ނޫސްވެރިކަމަށް އެކި ގޮތްގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، އެއްވެސް އަސާސެއް ނެތި ވިސާމްގެ މައްޗަށް ދައުވާއުފުލީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމަށެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓު ހުކުމްކުރުމުން ވެސް، އަލުން އިސްތިއުނާފްކުރުމުން މުސްތަގިއްލުކަމާ އެކު ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެ، ސިޔާސީ ވެފައިވާ ކަން ހާމަވާ ކަމަށް އެމްޑީޕީން ބުންޏެވެ.

"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނީ ޒިންމާތަކުގެ ތެރޭގައި ގާނޫނުގެ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކުރުމާއި ތަފާތު ނުކުރުމާއި އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ހިނދު ވިސާމް ފަދަ ކުރިއަރަމުން އަންނަ ހީވާގި ނޫސްވެރިންނަށް ބިރުދައްކައި ޖިނާއީ ދައުވާ އުފުލުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ޕްރޮސިކިއުޓާ ޖެނެރެލްގެ ގާނޫނުގެ ރޫހާ ހިލާފްވުމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ނޫސްވެރިން ނެތިކޮށްލަން ކުރާ މަސައްކަތްތަކަށް މުއައްސަސާތަކުން ހިތްވަރުދީ، ޓީވީ ސްޓޭޝަންތައް ދަނީ ބަރިބަރި އަށް ޖޫރިމަނާކުރަމުން ކަމަށެވެ. ހަމަ އެ ޓީވީ ސްޓޭޝަންގެ އެތައް ނޫސްވެރިންތަކެއްގެ މައްޗަށް ޖިނާއީ ދައުވާކުރުމުން، އެއީ ރާވައިގެން ހިންގާ ސިޔާސީ މަސައްކަތެއް ކަން ހާމަވާ ކަމަށް ބަޔާނުގައިވެ އެވެ.

މިއީ "އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަަންކަމެއް ނޫނެވެ. ޓީވީ ސްޓޭޝަންތައް ރޯކުރުމާއި، ނޫސްވެރިންނަށް މަރުގެ ހަމަލާތައް ދިނުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުން ފަދަ ބޮޑެތި ޖިނާއީ މައްސަލަތައް އަދި އަދަށް ދާންދެން ވެސް ބެލިފައި ނުވާ ކަން ފާހަގަކުރަމެވެ. އަދި ނޫސްވެރިންނަށް ތަކުރާރުކޮށް ޖިނާއީ ދައުވާކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެެކެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ވިސާމްގެ މައްޗަށް ދައުވާ އުފުލީ 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. ފުލުހުންނަށް ހުރަސް އެޅިކަމުގެ ފުރަތަމަ ދައުވާ ވިސާމްގެ މައްޗަށް ސާބިތުވެ، މިދިއަ ޖެނުއަރީ މަހު އޭނާ ވަނީ 28،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.