ރައީސް ޑރ.މުަހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެމްއޯޔޫތަކަށް އަމަލީ ސިފަ ގެނެސް އެއްބަސްވުންތަަކަށް ބަދަލުކުރަން މަސައްކަތް ކުރަން އެ ގައުމުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް އުވައިސް އަހުމަދު ބިލްގްރާމީ އަށް އިރުޝާދު ދީފި އެވެ.
ޕާކިސްތާނުގެ "މެޓިސް ގްލޯބް ލިންކް ނިއުސް" ޝާއިއުކުރި ހަބަރެއްގައިވާ ގޮތުން، ރާއްޖެއާ އެކު ސޮއިކުރި އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން މަސައްކަތްކުރައްވަން ސަފީރަށް އިރުޝާދު ދެއްވީ އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އޭނާއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމަށް ފަހު ޕާކިސްތާން ސަރުކާރުން ނެރުނު ބަޔާނަކާ ހަވާލާދީ ނޫހުން ބުނީ ރާއްޖެއާ އެކު ސޮއިކުރި އެމްއޯޔޫތަކުގެ ތެރެއިން ދިފާއީ ދާއިރާގެ އެމްއޯޔޫތަކުގެ ފޮލޯއަޕް މަސައްކަތް މެދުނުކެނޑި ކުރައްވަން ޒަރުދާރީ އިރުޝާދު ދެއްވި އެވެ.
ރާއްޖެއާ ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި އިތުރުކޮށްގެން އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެއްބާރުލުން އިތުރުކުރެވޭނެ އާ ދާއިރާތައް ބަލަން ވެސް ޒަރުދާރީ ސަފީރަށް އިރުޝާދު ދެއްވި އެވެ.
ތައުލީމާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގެ ދާއިރާއަށް އިސްކަން ދިނުމަށާއި ޕާކިސްތާނުން ދޭ ސްކޮލަޝިޕްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ކަންތައްތައް ފަހިކުރަން މަސައްކަތްކުރައްވަން ވެސް އޭނާ އިރުޝާދު ދެއްވި އެވެ.
ރައީސް މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން 20 އެމްއޯޔޫއެއް ގައި ސޮއިކުރި އެވެ. އޭގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމާއި ސިއްހީ، ތައުލީމު، އަސްކަރީ ދާއިރާ، ފޮރެންސިކްގެ ދާއިރާ އަދި މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރިކަމުގެ ދާއިރާގެ ކަންކަން ހިމެނެ އެވެ.
އެ އެމްއޯޔޫތަކަށް އަމަލުކުރަން ފެށުމަކީ މިހާރު އެންމެ ބޭނުންތެރިކަން ކަމަށާއި އޭގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ދަތުރުފުޅުގެ ތެރެއިން، ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައި ސަފީރު މުހައްމަދު ތޯހާއާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެމްބަސީން އެންމެ އިސްކަންދޭންވީ އެއް ކަމަކީ އެމްއޯޔޫތައް ތަންފީޒު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.
"މި ދަތުރު ނިމުނީމާ އަދި ނުނިމޭނެ. އޭގެ ފަހުން ބޮޑަށް ބަލަންވީ އެމްއޯޔޫތަކަށް އަމަލީސިފަ ގެންނަން. އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަސައްކަތްތަކަށް އިތުރު މުވައްޒަފުން ބޭނުންވާ ނަމަ އެ މަގުން އެކަން ކުރެވޭނެ މަގުފަހި ކުރަން ވެސް އެ މަނިކުފާނު ބާރު އެޅުއްވި އެވެ.