ގެވެށި އަނިޔާގެ މައްސަލަތައް އޮންލައިންކޮށް ފެމިލީ ކޯޓަށް ހުށަހެޅޭ ގޮތަށް އީ-ފޯމް ތައާރަފުކޮށްފި އެވެ. 

ފެމިލީ ކޯޓުން ބުނީ އީފޯމު ތައާރަފުކޮށްފައި ވަނީ ކޯޓަށް މައްސަލަ ހުށަހެޅުމުގައި ރައްޔިތުންނަށް ހުރި ދަތިތަކާއި ހުރަސްތައް ނައްތާލައި، ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ކޯޓަށް ވާސިލުވެވޭނެ މަގު ތަނަވަސްކުރުމަށް ކަމަށެވެ. 

ކޯޓުން ބުނި ގޮތުގައި މިއަދު ފެށީ ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ބަލައިގަތުމުގެ މަސައްކަތެވެ. އެކަމަކު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯޓުގެ ހުރިހާ ފޯމެއް އެ ނިޒާމުގެ ތެރެއަށް ބަދަލުކުރޭނެ ކަމަށް ވެސް ބުންޏެވެ. އަދި ފޯމާ ގުޅިގެން އަންނަ ކޮންމެ ބަދަލެއްގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް ލިބިގެންދާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެެ.

އެ ކޯޓުން ބުނި ގޮތުގައި އެ މަސައްކަތަކީ ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ހެލްތު ފެމިލީ އެންޑް ވެލްފެއާގެ އެހީތެރިކަމާ އެކު ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

ކޯޓުން ބުނީ އެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް ނިމުމުން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ހުރިހާ ފޯމެއް ވެސް ޑިޖިޓަލައިޒް ކުރެވި ފަސޭހަކަމާ އެކު ކޯޓަށް ހުށަހޭޅެނެ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފޯމުގެ ސްޓޭޓަސް ވަގުތުން ވަގުތަށް ފަސޭހަކާމައެކު ބަލާލެވޭނެ އެވެ. 

ފެމިލީ ކޯޓުން ބުނީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ދިމާކޮށް، އެ ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ އަންހެނުންނާ ދެކޮޅަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމުގައި ފެމިލީ ކޯޓުގެ ދައުރު އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި އެމީހަކު ހުރި ތަނަކުން ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާ އެކު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅޭނެ މަގު ތަނަވަސްކުރުން ކަމަށް އެ ކޯޓުން ބުންޏެވެެ. 

ފެމިލީ ކޯޓުން ބުނީ ގެވެށި އަނިޔާއަކީ ހަމައެކަނި އަންހެނުންނަށް ކުރިމަތިވާ ކަމަކަށް ނުވާތީ އެ ހިދުމަތުގެ ސަބަބުން ގެވެށި އަނިޔާއަށް ހުށަހެޅިފައިވާ ކޮންމެ މީހަކަށް ވެސް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ލިބޭނެ ކަމަށެވެ.