މަސައްކަތްތެރިކަމާއި ފަންނީ ދާއިރާގެ ޕްރޮގްރާމްތައް ހިންގުމަށް މައި ކޮލެޖުން މެލޭޝިއާގެ ޔުނިވަސިޓީއަކާ އެކު ސޮއިކޮށްފި

ވޮކޭޝަނަލް އަދި ޓެކްނިކަލް ޕްރޮގްރާމްތައް ހިންގުމަށް ރާއްޖޭގެ މައި ކޮލެޖާއި މެލޭޝިއާގެ ޔުނިވަސިޓީއަކާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.


މައި ކޮލެޖާއި މެލޭޝިޔާގެ ޔުނިވާސިޓީ އޮފް ޓުން ހުސައިން އޮންއާ އެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މަސައްކަތްތެރިކަމާއި ފަންނީ ދާއިރާ އިން ޓީޗަރުން ތަމްރީން ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް މައި ކޮލެޖުން ބުންޏެވެ. އަދި އެ ދާއިރާގެ ކޯސްތަކެއް އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

"...އަދި މީގެ އިތުރުން ކޭޓަރިން، މަލްޓިމީޑިއާ އާއި އިލެކްޓްރިކަލް އިލެކްޓްރޯނިކްސް ޑިޕްލޮމާ ފެންވަރުން ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމުގެ ފުރުސަތު ވެސް ހުޅުވައި ލެވޭނެ އެވެ،" މައި ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ފާހަގަކުރި ގޮތުގައި މަސައްކަތްތެރިކަމާއި ފަންނީ ދާއިރާގެ ޑިގްރީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި އަދި ނުހިންގަ އެވެ. އަދި މަސައްކަތްތެރިކަމާއި ފަންނީ ދާއިރާ އިން ތަމްރީނު ވާ ޓީޗަރުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ދެކޭ ކަމަށް މައި ކޮލެޖުން ބުނެ އެވެ.

މައި ކޮލެޖާއި ޓުން ހުސައިން ޔުނިވަސިޓީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ކޯސްތައް މި އަހަރުގެ ޑިސެމްބަރުގައި މާކެޓްކުރަން ފަށާނެ ކަމަށް މައި ކޮލެޖުން ބުންޏެވެ.

"މިއިން ކޯހެއް ހެދުމަށް ޝަޢުގުވެރިކަން ހުރި ފަރާތްތަކުން، މައި ކޮލެޖްގެ ހޮޓްލައިން 3341536 ނުވަތަ ރަށަކުން ނަމަ، މައި ކޮލެޖުގެ އެ އަތޮޅެއްގެ ކެމްޕަހުން އިތުރު މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި އެޕްލިކޭޝަން ހުށައެޅުއްވުމަށް އެދި ދަންނަވަމެވެ،" މައި ކޮލެޖުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޓުން ހުސައިން އޮން ޔުނިވަސިޓީ އަކީ މެލޭޝިއާގެ ސަރުކާރުން ހިންގާ ޔުނިވާސިޓީތަކުގެ ތެރެއިން ދުނިޔެ ގަބޫލުކުރާ ރޭންކިންއެއް ލިބިފައިވާ ތަނެކެވެ. އެހެންވެ އެ ޔުނިވަސިޓީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ފެންވަރު ރަނގަޅު ކޯސްތަކެއް، ހެޔޮ އަގެއްގައި ދިވެހި ދަރިވަރުންނަށް ހިންގާނެ ކަމަށް މައި ކޮލެޖުން ބުންޏެވެ.