މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
03 ޖުލައި 2017 - 10:29
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ކޮމެޓީން މިއަދު ބޭރުކޮށްލައިފި އެވެ.
މާލިއްޔަތު ކޮމެޓީއަކީ މަޖިލީހުގައި ހިމެނޭ ކޮމެޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ކޮމެޓީ އެވެ. އެ ކޮމެޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށެވެ.
މާލިއްޔަތު ކޮމެޓީން ތޯރިގް ބޭރުކޮށްފައި މިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ، ޝައިނީގެ އިސްތިއުފާ އަށް ތޯރިގް ގޮވާލައްވާފައި ވަނިކޮށެވެ.
މަޖިލިހުގެ ރިޔާސަތުން އިއުލާން ކުރި ގޮތުން ތޯރިގްގެ ބަދަލުގައި އެ ކޮމެޓީ އަށް ހަމަޖެއްސީ ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދެވެ. ނަމަވެސް ތޯރިގް ހަމަޖެއްސި ކޮމެޓީއެއް އިއުލާނެއް ނުކުރެ އެވެ.
މީގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލްގެ ބަދަލުގައި ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ ހަމަޖައްސައިފަ އެވެ. އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަދަލުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވެސް މާލިއްޔަތު ކޮމެޓީ އަށް ވަނީ ހަމަޖައްސައިފަ އެވެ.
މާލިއްޔަތު ކޮމެޓީގައި ދެން ތިއްބަވާ މެމްބަރުންނަކީ ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނާއި ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމް ފަލާހާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ.
ހަމަ އެއާއެކު ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޒިމާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި ކާށިދޫ ދާއިރާގެ ޖޭޕީގެ މެމްބަރު ފައިސަލް ނަސީމާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވެސް މާލިއްޔަތު ކޮމެޓީގައި ތިއްބަވަ އެވެ.
ސަރުކާރާ މެދު ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ހެން، ޕީޕީއެމްގެ މެމްބަރުން ބާރުގަދަ ކޮމެޓީތަކުން އާދައިގެ ކޮމެޓީތަކަށް ބަދަލު ކުރުމަކީ ޕީޕީއެމް ޕީޖީ ގްރޫޕުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ޕީޕީއެމުން ވަކި ކުރެއްވި ބައެއް މެމްބަރުން މިހާރު ވެސް ތިއްބެވީ އާދައިގެ ކޮމެޓީތަކަށް ބަދަލުކޮށްފަ އެވެ.
ތޯރިގް ދާދި ފަހުން ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ޝައިނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭ ހަ ސަބަބެއް އޭނާ ހާމަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
03 July 2017
ބަލަ ތިޔަކޮމެޓީއަކީ ކޮންބާރެއް އޮތް ކޮމެޓީއެއްތޯ؟ ކޮމެޓީގެ މަސައްކަތް އެބަކުރެވޭތޯ؟ ތިޔައީ އޭސީސީ އޮންނަގޮތަށް މިހާރު އޮތް ކޮމެޓީއެއް ސަރުކާރުގެ ކޮރަޕްޝަން ހިންގަން ފަސޭހަކޮށްދީ މަގުފަހިކޮށްދޭ ކޮމެޓީއެއް
ޣަސް ބުޑު
03 July 2017
އަދުރޭ ތި ކޮމެޓީ ގައި ނީދޭތަ؟ އެބޭފުޅަ އިންނަވަން ވާނެ އެވެ.ލާމު އަތޮޅަށް ލިބެން އޮންނަ ތަރައްޤީގެ 99% ފޮނަދޫ އަށް ޖަމާ ކުރަން އޭރުން ފަސޭހަ ވާނެ އެވެ
ޙެޔޮބަސް
03 July 2017
ކޮސް ކަންތަށް ނުކުރެއްވުން އެދެން.
ވިސްނާ
03 July 2017
ބިރުދެއްކުމާއި ފިއްތުއްތަކުގެ ކުރިމަތީގައި ބޯލަބައިފިނަމަ ތާއަބަދަށް ތިބެންޖެހެނީ އެ ހާލަތުގައެވެ. ބޯ ހިއްލާލާނެ ފުރުޝަތެއް ނުލިބޭނެއެވެ. އުދަނގޫ ހާލަތަކުން ދަތިތަކަކާއެކު ނަމަވެސް ބިރުވެރިކަމާއި ފިއްތުއްތަކުން މިންޖުވެއްޖެނަމަ މުސްތަގުބަލުގެ ދުވަސްތައް އުޖާލާވެފައި ހިތްހަމަ ޖެހޭނެއެވެ.
ފައިސާމު، ފުވައްމުލައް
03 July 2017
ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރަންއުޅޭތީ ދިން ހަދިޔާއެއް. ޔާމީން ހަމަ އަސްލުވެސް ފެއިލްވެއްޖެ.
އަމިއްލަފުށި
03 July 2017
ހީވަނީ އަމިއްލަ ގޭގައި އަމިއްލަ މުސާރަދީގެން ގެންގުޅޭ ކޫކުންހެން ބަދަލްކޮށްލާއިރު
ޒާ
03 July 2017
އަޖައިބެކެވެ. ވަކިމީހެއްގެ ވާހަކަ ސުރުހީގައި ޖަހާފައި ޚަބަރު ލިޔުނު އިރު މި ޚަބަރު ކިޔާލުމުން އެބައެނގޭ އެންމެ މެންބަރެއް ނޫންކަން ބަދަލު ކުރީ. އެތައްމެންބަރުންނަކަށް ބަދަލު އަތުވެއްޖެ. އެހެންވެ މީވެސް ދެން ކަމަކަށް ހަދަން އުލެފައި އޮތްހެން ހީވަނީ.