ރާއްޖޭގައި ކަންކަން ހިނގަމުން ދަނީ ގޯހުން ގޯހަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހައްގުތައް ވެސް އެއްލައިލަމުން ދާ ކަމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ހިމެނޭ އިދިިކޮޅު ޕާޓީތަކުގެ މެމްބަރުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނުން ވާހަކަ ދައްކަވަމުން، ސިނާން ވިދާޅުވީ އިސްލާހީ މަސައްކަތުގައި ކުރިއަށް ދާން ނިންމެވީ ރައްޔިތުންގެ ލާބަ އާއި މުސްތަގުބަލަށްޓަކައި ކަމަށެވެ.
އެގޮތަށް ނިންމެވީ އެ މަސައްކަތުގައި ބައިވެރިނުވެއްޖެ ނަމަ، މަޖިލީހުގެ ބާރު ކެނޑި އަދި މަޖިލިހާ މެދު ރައްޔިތުން ކުރާ އިތުބާރު ވެއްޓިދާނެތީ ރައްޔިތުންނަށްޓަކައި ނިންމަން މަޖުބޫރުވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި ޖޭއެސްސީގެ މެމްބަރުންނާ މެދު މަޖިލިހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ފިޔަވައި އިތުބާރު ނެތްކަމުގެ އެހެން ހުރިހާ ވޯޓެއްގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓު ކަމަށް ކަނޑައެޅި ކަނޑައެޅުމަށް ސިނާން ފާޑު ކިއުއްވި އެވެ.
ސިނާން ވިދާޅުވި ގޮތުގައި ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމަކީ ގާނޫނުއަސާސީން މެމްބަރުންނަށް ލިބިފައި އޮތް ބާރެކެވެ. އެކަމަކު އެ ހައްގު ވެސް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ.
"މި ދަތުރުގައި އަޅުގަނޑު ދާން ޖެހުނު ކޮންމެ ހިސާބަކަށް ދާން މިހުރީ. އަޅުގަނޑުގެ ރައްޓެއްސަކަށް، ތިމާގެ މީހަކަށް، އެއްވެސް މީހަކަށް ބެލުމެއް ނެތި ދިވެހި ރައްޔިތުންނަށްޓަކައި މި މަސައްކަތުގައި ޝާމިލްވެ، ސާބިތުކަމާ އެކު ހުންނާނަން،" ސިނާން ވިދާޅުވި އެވެ.
"މިވީހާ ދުވަހު އަޅުގަނޑުގެ ރައްޓެއްސަކަށް ނުބަލައި [ސަރުކާރުން ބޭނުންވާ ގޮތަށް] ވޯޓު ވާނީ ދީފައި."
މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނު މައްސަލާގައި އޭނާ ވިދާޅުވީ އިންސާފާއި ހަމަހަމަކަންމަތީގައި މެނުވީ އެއްވެސް ކަމެއް ނުނިންމަން ޝަރުއީ ދާއިރާގެ ހުރިހާ ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.