ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ

ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.


ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް، ކައުންސިލްގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ 8:45 ގައި ބޭއްވުމަށް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ރައީސް ޔާމީން ބާއްވަވާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމަށް މަޖިލިހަށް ވައްދާފައިވާ މައްސަލާގައި، އެ ޕާޓީގެ 10 މެމްބަރަކު ސޮއިކުރެއްވުމަށް ފަހު، ޕާޓީން ވަކިވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދި މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި މެމްބަރުންގެ ސޮއި ރޭ ދަންވަރު 12 ގެ ކުރިން އަނބުރާ ގެނައުމަށް އެ ޕާޓީން އެންގި ނަމަވެސް އެއްވެސް މެމްބަރަކު އެއަކަށް އަމަލެއް ނުކުރި އެވެ.

އެ މެމްބަރުން ޖުމްލަ ގޮތެއްގައި ވިދާޅުވަނީ، އެ ބޭފުޅުންނަކީ މިހާރު ޕީޕީއެމްގެ ބައެއް ނޫން ކަމަށެވެ. އެހެންވެ އެ ޕާޓީން އަންގައިގެން ސޮއި އަނބުރާ ގެންދަންޖެހޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ސޮއި ހޯއްދެވުމަށް އެންމެ އިސްކޮށް އުޅުއްވި، ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ މަސީހް ވަކިކުރުމުގެ މައްސަލާގައި ސޮއި ހޯއްދެވުމަށްޓަކައި މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު ފާރިސް ވަނީ އެކަން ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.