ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކެކޭ އެއްފަދައިން، ބޭރުގެ މީޑިއާތަކުގައި ވެސް މިއަދު ފަލަ ސުރުޚީން ޖާގަ ހޯދީ، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެ މަޖިލީހަށް ވަނަ ނުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައި، އަދި އެ ތަނަށް ވަން މެމްބަރުން މަޖިލީހުގެ ތެރެއިން ގަދަކަމުން ނެރުނު ވާހަކަ އެވެ.
ބައިނަލްއަގުވާމީ ބޮޑެތި ޓީވީ ޗެނަލްތަކާއި އިންޓަނެޓް ވެބްސައިޓްތަކުގައި ވެސް ދިވެހި ސިފައިން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.
އަލް ޖަޒީރާގެ ވެބްސައިޓްގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ވޯޓު ނަގަން އިދިކޮޅު މެމްބަރުން މަސައްކަތް ކުރުމުން، ދިވެހި ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހަށް ވަނަ ނުދިނުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހުމުން ވެސް، އިދިކޮޅު މެމްބަރުން މަޖިލީހަށް ވަދެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މަސީހް މަގާމުން ވަކިކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަ ކުރުމަށްޓަކައި އިދިކޮޅު މެންބަރުން ވަނީ ވެރިކަންކުރާ ޕާޓީން ވަކިވެފައިވާ ބައެއް މެމްބަރުންގެ ތާއީދު ވެސް ކަށަވަރު ކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީމެއިލްގެ ވެބްސައިޓްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ ގޮތުން، ރާއްޖޭގެ ރައީސްގެ އަމުރުފުޅަށް ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައިވާ ކަމަށެވެ. މިއަދު ހެނދުނު ވި އިރު، ދިވެހި ސިފައިން ގޮސް މަޖިލީހުގެ ދޮރޯށިތައް ތަޅުލައި މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ރޮއިޓާސް ނިއުސް އޭޖެންސީން ބުނެފައިވަނީ ދިވެހި ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް، މަޖިލީހުގައި ހިމެނޭ އިދިކޮޅު ފިކުރުގެ ތިރީހަކަށް މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން އެކަމަށް ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ މެމްބަރުން މަޖިލީހަށް ވަންނަން އުޅުނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ވޯޓުގައި ބައިވެރިވާން ކަމަށް ވެސް އެ އޭޖެންސީން ބުނެ އެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ރައީސް ޔާމީންގެ އަމުރުފުޅަށް ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލިސް ތަޅުލީ، މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި އޮތް މައްސަލަ މަސީހާ ދެކޮޅަށް ފާސްވެ އޭނާ އެ މަގާމުން ވަކިވާނެ ކަން ރައީސް ޔާމީނަށް ކަށަވަރުވެވަޑައިގަންނަވާތީ އެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސްގެ ވެބްސައިޓްގައި ވެސް، ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ހަވާލާދީ ބުނެފައިވަނީ ދިވެހި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ގޭޓުތަކުގައި ތަޅު އެޅުވީ ރައީސް ޔާމީންގެ އަމުރުފުޅަށް ކަމަށެވެ.
މި ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ސިޔާސީ އެއް ވިސްނުމެއްގެ ދަށުން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން، މަޖިލީހުގެ މައްޗަށް ބާރު ފޯރުވަމުން ގެންދެެވި ރައީސް ޔާމީނަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.