ކުނި އުކުން ރަނގަޅަށް ކުރިއަށް ގެންދެވޭނެ: ތޯރިގު

ވެމްކޯ މެދުވެރިކޮށް ކުނި އުކުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.


އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ކުނި އުކުމުގެ މަސައްކަތް މި މަހު 1 ގައި ފަށައިގެން ދަތިތަކެއް ކުރިމަތިވިޔަސް، އެކަން ރަނގަޅު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ދިވެހި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޔަގީންކަން ދޭނަން މިކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމުގެ. ކޮންމެ ކަމެއް ފަށާއިރުގައި ދަތިތަކެއް، ޗެލެންޖަސްތަކެއް ނުކުންނާނެކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގިލައްވާނެ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ލިބޭ އެންމެ ބޮޑު ޝަކުވާ އަކީ މައްސަލަ ޖެހިގެން ގުޅާއިރު ވެމްކޯގެ ލައިންތަައް ބިޒީވެފައި ހުރުން ކަމަށެވެ. ވެމްކޯގެ ކޯލް ސެންޓަރުގައި މި ވަގުތު ހުރީ އަށް ލައިން ކަމަށާއި، ނަމަވެސް މާދަމާ އެ އަދަދު 60 އަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ވެމްކޯ މެދުވެރިކޮށް ކުނި އުކުން މި މަހުގެ އެއްވަނަ ދުވަހު ފެށިއިރު އެއް ފަހަރާ ގިނަ ބަޔަކު ރަޖިސްޓަރީ ކުރުމުން ވެމްކޯ އަށް ހުރަސްތަކެއް ކުރިމަތިވެ، ގިނަ ބަޔަކަށް އުނދަގޫތައް ތަހައްމަލްކުރަން ޖެހުނެވެ.

މާލޭގައި އާންމުކޮށް ގިނަ މީހުން ކުނި އުކަމުން އައީ ބިދޭސީން ލައްވަ އެވެ. އެކަމަކު ކޮތަޅުތަކުގައި، ބައިސްކަލްގައި އަޅުވައިގެން ކުނި އުކުން، އާ ގަވާއިދުގެ ދަށުން މަނާވުމުން، ބިދޭސީން ވަނީ އެކަން ހުއްޓާލައިފަ އެވެ.

ވެމްކޯގައި ރަޖިސްޓްރީވާން ދެ ބުރަށް ފުރުސަތު ދިނެވެ. އެގޮތުން އާ ގަވާއިދަށް އަމަލްކުރަން ކުރިން އޮތް ޖުލައި 1 ގެ ބަދަލުގައި އެއް މަސް ދުވަހަށް ލަސްކުރި އެވެ. އެކަމަކު މާލޭގައި 27،000 ގޭބިސީ ހުރިއިރު އޮގަސްޓް 1 އާ ހަމައަށް ރަޖިސްޓްރީކުރީ އެންމެ 7،000 ފަރާތުންނެވެ.

ވެމްކޯ އިން މިއަދު ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް 12،267 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޝިފާއު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ މާލެ ތެރޭގައި ކުނި އުކަން މިހާރު ހަރަކާތްތެރިވަނީ 100 މީހުން ކަމަށެވެ. އެ ޓީމުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ 10 ޒޯނަކަށް ބަހާލައިގެން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަލެކްޝަން ޓީމަށް އިތުރު މީހުން ހޯދަން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކޮށް ވަގުތުން ވަޒީފާ ދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ އެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ބިދޭސީންނަށް ކުނި އުކުން މަނާނުވާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް އެކަން ކުރެވޭނީ އިމިގްރޭޝަންގެ ގަވާއިދާއި ކަމާ ގުޅޭ އެހެން ގަވާއިދުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީންނަށް ކުނި އުކޭނީ އިމިގްރޭޝަނުން ވޯކް ޕާމިޓް ދީފައި އޮންނަ އިރު އެ މަސައްކަތް ކުރުމުގެ ހުއްދަ އޮތް ނަމަ އެވެ. އަދި އެ މީހުންނަށް ވެސް ކުނި އުކޭނީ، އާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

ކުނި އުކާ ބިދޭސީންގެ އަތުން ގޭޓް ފީއެއް ނަގަން ވެސް ހަމަޖައްސާފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.