އަޣުލަބިއްޔަތު ގެއްލިދާނެ ކަމަށް ބިރުން އުޅެނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތީ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަށް ސަރުކާރުން ކަންބޮޑުވަނީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތީ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.


ޚިޔާނާތުގެ ހަލާލު ނޫން ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު ގެކޮޅު ދޫވެއްސަށް ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވެވަޑައިގަތުމާ ގުޅިގެން، އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ހޯދުމުގެ ފުރުސަތު މިނިވަން މުއައްސަސާތަކަށް ދޭންޖެހޭ ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިދާނެތީ ސަރުކާރުން ފަސް ޖެހެނީ ޚިޔާނާތުގެ މައްސަލަތައް ބަލާނެތީ ކަމަށާއި އިދިކޮޅު ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނަށް ދައުވާ ކުރަން ފޮނުވުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފެންނަނީ އޮޕޮޒިޝަންގެ 17 މަޖިލިސް މެމްބަރުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހަށް ގެންގޮސް، ކޯޓު މަރުހަލާގަ އާއި އެ މައްސަލަތައް އުޅޭ ތަން. މިއީ މަދު އަދަދެއް ނޫން އިނގޭތޯ. މި ހުރިހާ ކަމެއް ކުރަން ޖެހިގެން މި އުޅެނީ ކޮން ކަމަކާ ހެދިތޯ؟ މި ފައިސާގެ ކަންތައްތައް ފެންމަތިވެދާނެތީވެ،" އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޚިޔާނާތުގެ ފައިސާއާ ގުޅޭގޮތުން އިއްޔެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މާނަ ބަޔަކު އޮޅުވާލީ ކަމަށް، ވެރިކަން ކުރާ ޕީޕީއެމުންނާއި ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

ރޮޮޒައިނާ ވިދާޅުވީ އަދީބު ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އަދީބު މަގާމަށް ގެންނަވައި، ބާރުތައް ދެއްވީ ވެސް ރައީސް ޔާމީން ކަމަށާއި އޭގެ ކުރިން އަދީބަކީ އެހާ ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރެވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އަދީބުގެ ޚިޔާނާތުގެ މައްސަލަތަކެއް އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ފެންމަތި ކުރެއްވުމުން އޭނާ މަގާމުން ދުރުކުރި ކަން ރޮޒައިނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ދައުލަތުގެ އޮޑިޓާ ޖެނެރަލް. އޮޑިޓާ ޖެނެރަލަށް ފައިސާ ގެއްލެމުންދާ ކަން އެނގިގެން އެ ވާހަކަ ދެއްކެވީމާ ވިދާޅުވަނީ ނަން އޮފް ޔުއާ ބިޒްނަސްއޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާތައް ހޯއްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް އެ ފައިސާ ހޯދޭ މަންޒަރު ނުފެންނަ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ރައީސް ޔާމީން ޚާއްސަ ކޮމިޝަނެއް އުފެއްދެވިޔަސް އޭގެ އެއްވެސް މަސައްކަތެއް އެ ކޮމިޝަނުން ކުރާ ތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިމަންނާ ފައިސާ ހޯދާނަމޭ ވިދާޅުވެފައި އަނެއް ދުވަހު ސުރުޚީގައި މި ފެންނަނީ ގާސިމް އިބްރާހިމް ދައުލަތަށް 1.9 ބިލިއަން ރުފިޔާ ދައްކަން ވެއްްޖެއޭ. އެއީތޯ އެ ފައިސާ ހޯދާ ގޮތަކީ؟." ވިލާގެ ޗެއާމަން އަދި އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު ގާސިމް އިބްރާހީމްގެ ތިން ކުންފުންޏަކާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

ޚިޔާނާތުގެ ފައިސާއާ ގުޅޭގޮތުން ރައީސް ޔާމީން އިއްޔެ ރޭ ދެއްކެވި ވާހަކަފުޅުގައި، ޚިޔާނާތުގެ ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ވަތް ކަމަށް ރައީސް އިއުތިރާފްވެވަޑައިގެންފައިވާތީ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.

ރިޔާސީ ކެމްޕޭނަށް ހެދި "ރުމާލު ދޭއް" ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާ އިން ވެސް ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށެވެ. އެކަމަކު އެގޮތަށް އަލްޖަޒީރާ އިން ބުނުމަކީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައިހު ންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެ އަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އެކަން ދިފާއުކޮށް ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގައި އުޅުނު އަދި މިހާރު އަލްޖަޒީރާގައި މަސައްކަތް ކުރަމުން އަންނަ ވިލް ޖޯޑަން ތައްޔާރުކުރި "ސްޓީލިން ޕެރެޑައިސް"ގެ ރިޕޯޓާ ގުޅިގެން ކަމަށެވެ.