އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހެޅި އަބުރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި އީސީ އަށް ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ޝިފާޒް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ފުލުހުން ވަނީ ޝިފާޒްގެ ބަޔާނެއް ވެސް ނަގައިފަ އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ޝިފާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި 10 ވޯޓަށްވުރެ ތަފާތު ކުޑަ ތަންތަނުގައި ވޯޓު އަނބުރާލަން ރައީސް ޔާމީން އީސީ ތެރެއިން މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ އީސީގެ ތެރެއިން ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނުގެ ދަށުން ފުލުހުން ބަލަމުން ދަނީ ސައްހަ ނޫން މައުލޫމާތެއް ރައްޔިތުންނަށް ހާމަކުރި ކަމަށް ބުނެ އެވެ. އަދި އެ ޖަލްސާގައި ދެއްކެވި ވާހަކަތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން ދެއްކެވި ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ސުވާލު ކުރި ކާކުހޭ އެގޮތަށް މައުލޫމާތު ދިނީ. ޖަވާބު ދިނިން މަސްދަރު ހިފެހެއްޓުމަކީ އަމިއްލަ ހައްގަކަށްވާތީ އެ މައުލޫމާތު ހާމަ ކުރެވޭކަށް ނެތޭ. އެކަމަކު، އެ މައުލޫމާތު ހާމަކުރަން ޖެހޭ ހާލަތަށް ހިނގައްޖެ ނަމަ އެކަން ކުރާނަން. ޝަރީއަތުގައި ކުރަން ޖެހިއްޖެ ނަމަ ކުރާނަން،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނުގެ ދަށުން، މުއައްސަސާތަކުގެ އަބުރު ގެއްލޭނެ ކަމަކަށް ނޯވެ އެވެ. އެހެންވެ، އެ މައްސަލަ އީސީން ހުށަހެޅުމުން ޝިފާޒް ވަނީ އެ ކޮމިޝަނަށް ފާޑު ވިދާޅުވެފަ އެވެ.
ބާރަށު ދާއިރާގެ މެމްބަރުކަން ކުރެއްވި ޝިފާޒް ވިދާޅުވީ ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން ދަނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށެވެ. އެއީ ރައްޔިތުންގެ ތާއީދާ ނުލައި ރައީސް ޔާމީން "ގަދަ ފައި" ނެގީމަ ހިނގާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލި، މަޖިލީހުގެ ތާއީދެއް ނެތް. ލޯކަލް ކައުންސިލް އިންތިހާބުން ދައްކައިދީފި ރައްޔިތުންގެ ތާއީދު ނެތް ކަން. އެހެންވީމަ މިއުޅެނީ ގަދަ ބާރުން ވެރިކަން ކުރަން ވެގެން، އެކަމަކު އެކަމަށް ޖާގައެއް ރައްޔިތުން ނުދޭނެ،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ފުލުހަށް ހާޒިރު ކުރިއިރު، މިިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ. އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމާއިރު، ބައެއް މެމްބަރުން ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ވަނީ ފުރުން މަނާކޮށްފަ އެވެ.