މީޑިއާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކާސްޓިން ކޮމިޝަން: ޝިފާޒު

ދިވެހި މީޑިއާ އަށް އޮތް އެންމެ ބޮޑު ބިރަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރޭ ވިދާޅުވެއްޖެ އެވެ.


"ވައްކަން ފޮރުވަން މީޑިއާ ގުރުބާނެއް ނުކުރެވޭނެ" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒު ވިދާޅުވީ ނޫސްތައް ރެގިއުލޭޓު ކުރަން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސަބަބުން ނޫސްވެރިންނަށް އުއްމީދުކުތަކެއް ލިބިގެން އަންނަ ކަމަށެވެ. އެ ކައުންސިލްގައި މަސައްކަތް ކުރަމުން އަންނަނީ މީޑިއާތަކުގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި މެމްބަރުންނަށް ވުމުން، ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތް، ބްރޯޑްކޮމްގެ ސަބަބުން އެމްއެމްސީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިވަގުތު ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެންމެ ބޮޑު ނުރައްކަލަކީ ވެސް ހަމަ އަދި ނޫސްވެރިކަމުގެ ކުރިމަގަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް ބްރޯޑްކާސްޓިން ކޮމިޝަން. އެ ބޭފުޅުންގެ ޒިންމާއެއް ގޮތަށް އެ ބޭފުޅުންނަށް ދެކެވެނީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާ ނޭއްގާނީ ކަންކަމާއި ކުރަމުންދާ ވައްކަންތަކުގައި ފިޔަށް ޖަހަން ތިބި ބަޔަކީ ބްރޯޑްކާސްޓިން ކޮމިޝަން ކަން،" އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝިފާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރު އައި ފަހުން ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ދުވަހު ނޫސް "ހަވީރު" އުވާލުމާއި ސީއެންއެމް ހުއްޓާލުމާއި ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގީ ވެސް މި ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޓީވީ ސްޓޭޝަންތަކާއި އެ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިން ކުރަމުން އެ އަންނަ ކަމަކީ އެ ނޫސްވެރިންގެ ފުރާނަ އަތް މައްޗަށް ލައިގެން ކުރާ މަސައްކަތް. އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ އެންމެ ބޮޑު ޗެލެންޖަކީ ކޮބައިކަން. މިހެން މަސައްކަތް ކުރަމުން ދަނިކޮށް ފެންނަމުން ދިޔައީ ހަމައެކަނި ރާއްޖޭގެ ނޫސްވެރިކަން ނެތިކޮށްލުމަށް އެ ނޫސްވެރިންނަށް އުނދަގޫ ކުރުމަށް ބޭނުން ކުރީ މަގުމަތި ނޫންކަން" ޝިފާޒު ވިދާޅުވި އެވެ

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސީދާ ނޫސްވެރިންނާ ދެކޮޅަށް ޚާއްސަ ބިލެއް ވެސް ފާސްކުރި އެވެ. އަދި މިހާރު މަޖިލީހަށް ފޮނުވާފައިވާ މީޑިއާ ކޮމިޝަންގެ ބިލަކީ ވެސް ނޫސްވެރިކަން މަރާލަން ސަރުކާރުން ކުރަމުން ދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ނޫސްވެރިންނަށް ކިތައްމެ ފިއްތުންތަކެއް ކޮށް ޖެއްސުމެއް ކުރި ކަމުގައި ވިއަސް، އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އާދެވިއްޖެ ނަމަ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުން މީޑިއާތައް އިނދަޖައްސައި، ހަލާކުކޮށްލަމުން ދަނީ ސަރުކާރުގެ ވައްކަންތައް ސިއްރު ކުރުމަށް ކަމަށެެވެ. ނަމަވެސް ސަރުކާރަކަށް އެކަމެއް ނުކުރެވޭނެ ކަމަށާއި ކިތަންމެ ގާނޫނެއް ހަދައިގެން ވެސް ނޫސްވެރިންނެއް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.

އާ ގާނޫނުއަސާސީއާއެކު މީޑިއާތަކަށް ބޮޑު މިނިވަންކަމެއް ލިބުނު ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ވެސް، މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް އޮތަ ނުދިނުމަށް ކުރަން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އޭގެ އެއް ސަބަބަކީ، ހުދުމުހުތާރު ވެރިން އެންމެ ބިރުގަންނަނީ މިނިވަން މީޑިއާ ދެކެ ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ވެފައި ވާއިރު އޭނާގެ އާއިލާ އަށް އަދިވެސް އިންސާފު ނުލިބޭތީ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ކަންބޮޑުވެފަ އެެވެ.

އިންތި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން އެއް އަހަރުން އަނެއް އަހަރަށް ދަށްވެގެން ދާއިރު އެއީ މުޅި ދުނިޔޭގައި ވެސް ރާއްޖެ ލަދުގަންނަންޖެހޭ ކަމަށެވެ. އަދި މީޑިއާއެއްގެ މިނިވަންކަމަކީ ސަރުކާރަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލަކީ ނޫސްވެރިކަން މަރާލުމަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.