ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން މިހާރު ދަނީ ރާއްޖެއާ ދުރަށް ކަމަށާއި އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން މިއަދު ބުނެފި އެވެ.

މެޓުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ އާއި ހޮނިހިރު ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. ނަމަވެސް ބައެއް ހިސާބުތަކަށް ވައި ގަދަވެދާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

"އާދިއްތަ ދުވަހު ވައި ވެސް މަޑުވާނެ ރާއްޖޭގެ ސަރަހައްދަށް. މޫސުން ވަރަށް ރީތކޮށްލާނެ،" މެޓުގެ އޮފިޝަލް ވިދާޅުވި އެވެ.

މެޓުން މިރޭ ވަނީ ވަނީ ހއ. އިން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި ބުނެފައިވަނީ ކޮޅިގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށެވެ. އެވްރެޖްކޮށް ވައިގެ ބާރު މިން މި ސަރަހައްދުގައި، މިރޭގެ ދަންވަރު އެކަކާ ހަމައަށް ހުރުން އެކަށީގެންވަނީ 30-40 މޭލުގައި ކަމަށް ވެސް މެޓުން ބުނެ އެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުން، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިހާތަނަށް ކަނޑުމަތީގެ 16 ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރޭގައި ދެ ދޯންޏެއް ބަންޑުން ޖަހާލުން ހިމެނެ އެވެ.