މިއީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމުގެ އެއްބަސްވުމެއް: ޝިފާޒް

ޗައިނާއާ އެކު ރާއްޖޭން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ވެވޭ އެއްބަސްވުމެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖެ އާއި ޗައިނާ އިން ސޮއިކުރަން ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އާ ދެކޮޅު ހެދުމަށް އެމްޑީޕީގެ ހަރުގޭގައި ބޭއްވި "އިހްތިޖާޖް ޖަލްސާ"ގައި ޝިފާޒް ވިދާޅުވީ އެއްބަސްވުމަށް އަމަލުކުރާ ހިސާބުން ފެނިގެން ދާނީ ވިޔަފާރިތައް ދިވެހިންގެ އަތުން ބީވެގެންދާ މަންޒަރު ކަމަށެވެ.

ޚާއްސަކޮށް، "ސިއްރިޔާތުގައި ނިންމި ނިންމުމުގެ ސަބަބުން މާލޭގެ ރީޓެއިލް ވިޔަފާރިތައް ދިވެހިންގެ އަތުން ބީވެ، ޗައިނާގެ ވިޔަފާރިވެރިންގެ އަތްމައްޗަށް އެ ވިޔަފާރިތައް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ވިޔަފާރިތައް އިނދަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަރުގޭގައި ޖަލްސާ ކުރިއަށް ދިޔަ އިރު ނޮޅިވަރަމު ދާއިރާގެ މެމްބަރު އަރީފް (ކ)، އާއި އިލެކްޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ ސައުދު (މ) އަދި މަޑުއްވަރީ ދާއިރާގެ އަމީތު (ވ) އެ ސަރަހައްދު މަގުމަތީގައި. - ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޝިފާޒް ވިދާޅުވި ގޮތުގައި ޗައިނާއާއެކު ގާއިމު ކުރަން ނިންމި އެއްބަސްވުން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެއްހާހަށް ވުރެ ގިނަ ސޮފްހާގެ މި އެއްބަސްވުން އެއްކޮށް ދިރާސާކޮށް ނުނިމުނު ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެއްބަސްވުމުން ދޭހަވީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އާޚިރު ނަތީޖާއަކަށް ވެގެންދަނީ މިއަދު އަޅުގަނޑުމެންގެ އިގްތިސާދު ހިފަހައްޓަމުންދާ ދިވެހި ވިޔަފާރިވެރިން އިނދަ ޖެހި، ރާއްޖޭގައި ވިޔަފާރި ކުރަމުން ދާނީ ޗައިނާގެ ވިޔަފާރިވެރިން ކަމުގައިވުން. މިއީ ރައްޔިތުންނަށް، އަޅުގަނޑުމެންގެ މުސްތަގުބަލަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން،" ޝިފާޒް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން އަވަސް އަރުވާލައިގެން ސިއްރިޔާތުގައި އެކަން ކުރީ ރައްޔިތުންނަށް އެނގިގެން ކުރާ ކަމަކަށްވާ ނަމަ، ރައްޔިތުން އިންތިހާ އަށް ކަންބޮޑުވެ، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން އަޒުލު ކުރަން ރައްޔިތުން ނުކުންނާނެ ކަން އެނގޭތީ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

ހަރުގޭގައި ޖަލްސާ ކުރިއަށް ދިޔަ އިރު މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު މަޑުކޮށްލައިގެން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގައި ކުރިން މިފަދަ އެއްބަސްވުންތައް ގާއިމު ކުރުމުގެ ސަބަބުން، ދިވެހިން ނުކުމެ، ވިޔަފާރިވެރިންނަށް، ވިޔަފާރި ކުރުމުގެ މަގު ތަނަވަސްކޮށްދޭން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ސަބަބުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ބޭނުން ވަގުތަކު ރާއްޖެ އަށް މުދާ އެތެރެކޮށް، ބޭނުން ބަޔަކަށް ވިޔަފާރި ކުރުމުގެ މަގު ތަނަވަސްވާނެ އެވެ. އަދި ޗައިނާގެ ކޮންމެ މީހަކަށް "ކޮންމެ ފާޑެއްގެ، ކޮންމެ ވައްތަރެއްގެ" ވިޔަފާރިއެއް އިންވެސްޓްކޮށްގެން ރާއްޖޭގައި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރު ގޮތަކަށް އޭނާ ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އުފެދެނީ "ޗައިނާއެއް" ކަމަށެވެ.

ޗައިނާ ރައްޔިތުންނަށް ވިސާއަކާ ނުލައި ރާއްޖެ ދަތުރު ކުރުމުގެ ފުރުސަތު ލިބޭ ކަމުގައިވާ ނަމަ، ޗައިނާގެ އާބާދީ ރާއްޖޭގައި ބޮޑުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިން "ލޭ އޮހޮރުވާ" ހިސާބަށް ނުދަނީސް، މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި 1000 ޕޭޖްގައި ހުރި ކަންކަން ރައްޔިތުންނަށް ރޯފިލާ ނަމަ، ރައްޔިތުން ކެކި އުތުރި އަރާނެ. ޒިންމާދާރު ޕާޓީތަކުގެ ގޮތުގައި ތިބެ، އަޅުގަނޑުމެން ގެއަކު ނުތިބޭނަން. އެގްރީމަންޓުގައިވާ ހުރިހާ ކަމެއް ރާއްޖޭގެ ރައްޔިތުންނަށް ތިލަކޮށް ގެނެސް ދެވޭތޯ މަސައްކަތް ކުރާނަން،" ޝިފާޒް ވިދާޅުވި އެވެ.

ބޮޑު އެއްބަސްވުން އެންމެ 30 މިނެޓުގެ ތެރޭގައި ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް މިނިވަން ވިިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. ސަރުކާރުން ބުނި ގޮތުގައި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.