އދ. ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެމްބަރަކަށް ރާއްޖެ ވުމަށްޓަކައި ޖަޕާނުގެ އެއްބާރުލުމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީން މިކަމަށް އެދިވަޑައިގަތީ، ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެ އަށް އިއްޔެ ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އޭނާއާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް 2019 ގައި ހޯދަން ރާއްޖޭން ކުރިމަތިލާން ނިންމާފައިވާ އިރު، އެ ފުރުސަތު ލިބުމަކީ އެކި ގައުމުތަކުން ބަލައިގަންނަ ކަމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެކަމަށް ރާއްޖޭން ވަނީ ބޮޑު ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރަކަށް ރާއްޖެ ވުމަށްޓަކައި ޖަޕާނުގެ އެހީތެރިކަމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އިރު، "ވޯލްޑް އެކްސްޕޯ 2025" ޖަޕާނުގެ އޮސާކާގައި ބޭއްވުމަށް ރާއްޖޭގެ އެއްބާރުލުމަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ވެސް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރާއެކު، މުލީއާގޭގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ހެޔޮ އެދުންތައް އަރިސް ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމަށް ފައިދާ ހުރި ގޮތަކަށް ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާއި، ހުރި ފުރުސަތުތަކަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވައިފަ އެވެ. މީގެ އިތުރުން ޖަޕާނަކީ މިހާރު އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓްކަމަށް ވުމާއެކު، ދެ ބޭފުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކޮށް ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައިވެ އެވެ.

މީގެ އިތުރުން ތިމާވެށީގެ ދާއިރާ އިން ރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ޔާމީނާއި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރޭ މުލީއާގޭގައި ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީނާއި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރޭ މުލީއާގޭގައި ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ ނާޒުކު މައްސަލައެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުނިޔޭގެ ފެންވަރުގައި ޖަޕާނުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖެ އިން އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް އެ ގައުމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން، ޖަޕާނުގެ ފޮރިން މިނިސްޓަރަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މިކަމާ ގުޅޭ ގޮތުން ޚާރިޖީ ވަޒީރު ވިދާޅުވީ އެންމެ ފަހުގެ އީޖާދުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ރާއްޖެ އަށް އެހީތެރިވެދެއްވާނެ ކަމުގަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައިވެ އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު މި އަހަރު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ރާއްޖެ ވަޑައިގެން ރައީސް ޔާމީނާއެކު ބޭއްވެވި ބައްދަލުވުމުގައި ވަނީ، ސަލާމަތީ ކަންކަމާއި ކަނޑުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެ ގައުމުން އިސްނަގައިގެން ފެށި މަސައްކަތަށް ރާއްޖެ އިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިއްޔެ ބޭއްވި، ރާއްޖެ-ޖަޕާންގެ ރަސްމީ ވާހަކަތަކުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
އިއްޔެ ބޭއްވި، ރާއްޖެ-ޖަޕާންގެ ރަސްމީ ވާހަކަތަކުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

އަދި 2020 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި ކަމާ ބެހޭ ސަލާމާތީ ކަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޝިއާގެ ގައުމުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މުހިއްމުކަން ޖަޕާނުގެ ފޮރިން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އަދި އޮލިމްޕިކް ގޭމްސްގެ ކުރިން، ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެ އާއި ޖަޕާނާ ދެމެދުގައި ސަގާފީ ދާއިރާ އިން މައުލޫމާތު ބަދަލުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް އޭނާ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރޭ ވަނީ ފުރާވަޑައިގެންފަ އެވެ.

އޭނާގެ މި ދަތުރުގައި ރައީސް ޔާމީނާ ބައްދަލުކުރެއްވުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް އިއްޔެ ބޭއްވެވި އެވެ. އެ ވާހަކަތަކުގައި ދެ ގައުމުން އެއްބަސްވީ، ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ރާއްޖެ އާއި ޖަޕާނާ ދެމެދު އެކި ދާއިރާތައް ހިމެނޭ ގޮތަށް އިތުރު މަޝްވަރާތައް ބޭއްވުމަށެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދަން ނިންމި އެ މަޝްވަރާތަކުގައި ސިޔާސީ އަދި އިގްތިސާދީ ގޮތުންނާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ދެ ގައުމުން ވަނީ ނިންމައިފަ އެވެ.