ރައީސް ޔާމީންގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފި

ރާއްޖެ ވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ދެވަނަ ފަހަރަށް ދިން ދައުވަތު އެމަނިކުފާނު މިއަދު ގަބޫލުފުޅު ކުރައްވައިފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ދެއްވި އެ ދައުވަތު ގަބޫލުފުޅު ކުރައްވަމުން މޯދީ ވިދާޅުވީ "ފަސޭހަ ވަގުތެއްގައި ރާއްޖެ ދާނެ" ކަމަށެވެ. އަދި ދައުވަތު އެރުއްވީތީ ދިވެހި ސަރުކާރަށް ޝުކުރު އަދާ ކުރެއްވި އެވެ.

ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. އާސިމް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ރާއްޖެއަށް ވަޑައިގަތުމަށް މޯދީއަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވި ނަމަވެސް އެ ދަތުރުފުޅުގެ ތާރީޚެއް އަދި ނުނިންމަވަ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މި ސަރަހައްދުގެ ހުރިހާ ގައުމަކަށް ވަޑައިގެންނެވި ނަމަވެސް މޯދީ އަދި ރާއްޖެއަށް ވަޑައެއްނުގަންނަވަ އެވެ. މީގެ ތިން އަހަރު ކުރިން، 2015 ގައި މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓު ކުރި ނަމަވެސް ފަހުން އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ. ސަބަބެއް ކަމަަށް އިންޑިއާ ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު ނުތަނަސްކޮށް އޮތުމެވެ.

ރާއްޖޭގެ ޑރ. އާސިމް އިންޑިއާގެ ބޮޑުވަޒީރު މޯދީ (ކ) އާ މިއަދު ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

މޯދީ ރާއްޖެ ވަޑައިނުގެންނެވި ނަމަވެސް، އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނާ ބައްދަލު ކުރައްވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމްގެ މިއަދުގެ ބައްދަލުވުމުގައި މޯދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ރަހުމަތްތެރިކަން އަބަދުވެސް އޮންނާނެ ކަމަށާއި އަދި އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް ކުރިއަށް އޮތްތަނުގައި އިތުރު ކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް" ޕޮލިސީއާ މެދު އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް އެތަނުން ބުންޏެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދީފައިވާ އެހީތަކަށް ޑރ. އާސިމް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައި އަދި ރާއްޖެއަށް އިންޑިއާއިން ދޭ އެހީތައް އިތުރު ކުރައްވަން ނިންމެވިއިރު، ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު ރާއްޖެ އާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން އެކަން ދޮގުކުރައްވަ އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުން ފަހަކަށް އައިސް ގޯސްވި އެއް ސަބަބަކީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެ އެވެ. ނަމަވެސް ރާއްޖެއިން ތަކުރާރުކޮށް ބުނަމުން އައީ އެ އެއްބަސްވުމުގެ އެއްވެސް އަސަރެއް އިންޑިއާއަށް ނުކުރާނެ ކަމަށެވެ.