ޕީޕީއެމްގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ދޮށުގައި އަޑުއުފުލައިފި

ވެރިކަން ކުރާ ޕީޕީއެމްގެ ސަޕޯޓަރުން ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެ ކޯޓު ދޮށުގައި މިއަދު މުޒާހަރާކޮށްފި އެވެ.


ސުޕްރީމް ކޯޓު ކުރިމަތީގައި ހަވީރު ބޭއްވި އެއްވުމުގައި ޕީޕީއެމަށް ތާއީދުކުރާ ޒުވާނުންތަކެއް ވަނީ އެ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނިންމުންތައް ގަބޫލު ނުކުރާނެ ކަމަށާއި ފަނޑިޔާރުން ރިޝްވަތު ނަންގަވާ ކަމަށް ވެސް ތުހުމަތުކުރި އެވެ.

އެކަމަކު މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފޮނުވާލައިފަ އެވެ.

މި އެއްވުމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގައި މަސައްކަތް ކުރާ ކޯޑިނޭޓަރުން ވެސް ބައިވެރިވި އެވެ.

ބަންދުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރާށާއި އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެ، އެ އަމުރު ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށެވެ. އެކަމަކު ސަރުކާރުން އެއަށް އަމަލްކުރާކަށް އަދި ނުފަށަ އެވެ.