ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާން ފައިސަލް އާދަމް ރޭ ދޫކޮށްލައިފި އެވެ.
އިއްޔެ މެންދުރެއްހާއިރު، ފައިސަލް ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު، ރޭ ހަތަރެއް ޖެހިއިރު ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތެއް ސާފުވާ ގޮތެއް ނުވި އެވެ.
ވަކީލު ހުސެއިން ޝަމީމް މިއަދު ވިދާޅުވީ، ފައިސަލްގެ ވަކީލެއްގެ ހައިސިއްޔަތުން ފުލުސް އޮފީހަށް ރޭ ވަޑައިގެން އޭނާއާ ބައްދަލުކުރުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ފުލުހުން ދީފައި ނުވާ ކަމަށެވެ.
"ފުލުހުން ވިދާޅުވަނީ ފައިސަލް ވިދާޅުވިއޭ ވަކީލެއް ބޭނުމެއް ނޫނޭ. އެއީ ތެދެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ފައިސަލް ދޫކޮށްލީ ބަޔާން ނަގައި އަދި ފޯނު ވެސް ހިފެހެއްޓުމަށް ފަހު އެވެ.
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ކޮޓަރީގައި ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭގެ އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފަސް މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހިމެނެ އެވެ.