ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ސަރުކާރުން މިލިއަނުން ޑޮލަރު ހުށަހެޅިޔަސް، އެކަމަށް ނުގުޑާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ނުވެންނެވޭ މައްސަލައިގައި އޭގެ ތެރެއިން ބައެއް މެމްބަރުންތަކެއް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވަން އެ ކޯޓަށް ވަޑައިގެންފަ އެވެ. އެކަމަކު ކޯޓު ތެރޭގައި ގަޑިއިރެއްހާއިރު، ހޭދަކުރެއްވުމުން ވެސް ފަނޑިޔާރުންނާ ބައްދަލުކުރެއްވޭ ގޮތެއްނުވި އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރަން އުޅެނީ ޣައިރު ގާނޫނީ ގޮތެއްގައި ކަމަށެވެ. އެއީ ތިން މެމްބަރަކު ހައްޔަރުކޮށް، ބައެއް މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސް އަޅައިގެން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނީ އިމުގެ ތެރެއިން އެ ގަރާރު ފާސްނުކުރެވޭނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިކުރަން އަންގާފައިވެ އެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން، އަނެއް ތިން ފަނޑިޔާރުން ވަނީ އަމުރުގެ އެ ބަޔަށް އަމަލްކުރުން ފަސްކުރަން އާ އަމުރެއް ނެރެފަ އެވެ. އެހެންކަމުން މިއަދުގެ ޖަލްސާއަކަށް ވެސް އެ ބޭފުޅުންނަކަށް ނުވެންނެވެ އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދު ކަމަށްވާ 85 މެމްބަރުންނަށް ބަލާއިރު 43 މެމްބަރުންނެވެ.
އެކަމަކު މަޖިލިހުގައި ސަރުކާރުގެ އަގުލަބިއްޔަތު މިހާރު ގެއްލިފައި ވާތީ 43 މެމްބަރުން ހަމަކުރުމަކީ، އިދިކޮޅު ކޯލިޝަންގެ އެހީއެއް ނެތި، ކުރެވޭނެ ކަމެއް ނޫނެވެ.
"އެބޭފުޅުންނަށް 43 މެމްބަރުން ހަމައެއް ނުކުރެވޭނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް މެމްބަރަކު "އަނިޔާވެރި ޒާލިމެއްގެ މުށުތެރެއަށް" ދިއުމަށް ބޭނުމެއް ނުވާނެ އެވެ. އަދި "ދަރުބާރު ފެކްޝަނަށް" ވަދެއްޖެ ނަމަ، އެ މެމްބަރެއްގެ "ހަޔާތް" ނިމިގެންދާނެ ކަން އިދިކޮޅު މެމްބަރުން ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއް މިލިއަން ޑޮލަރު ކީއްކުރަންތޯ، 30 މިލިއަން ޑޮލަރު ހުށަހެޅި ކަމުގައިވިޔަސް، އިންސާފު ދޫކޮށްފައި ބޭއިންސާފުގެ މަގަށް ރުޖޫއަވާނެ މެމްބަރަކު މިހާރު ނެތް،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފު ކަމަށެވެ. އެކަމަކު ފަހުން ނެރުނު އަމުރު، ބަޔަކު ބޭނުން ގޮތަކަށް ތަރުޖަމާކޮށްގެން އޭގެ ނާޖައިޒު ފައިދާ ނަންގަވައި 12 މެމްބަރުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމައެކަނި އަޅުގަނޑުމެންގެ ހައްގުތަކާ ގުޅިފައި އޮތް ކަމެއް ނޫން. މިއީ 60،000 ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް. ސުޕްރީމް ކޯޓަށް މިއައީ، މި ވާހަކަތައް ފަނޑިޔާރުންނަށް ދެންނެވުމަށް،" އަމީތު ވިދާޅުވި އެވެ.
އިދިކޮޅު 12 މެމްބަރުން ވަނީ ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް މީގެ މަހެއްހާ ދުވަސް ކުރިން ސިޓީތަކާއި ފޯމުތައް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގައި ތިބި އިދާރީ މުވައްޒަފުން، މެމްބަރުންނަށް އެންގެވީ އެ ސިޓީތަކާއި ފޯމުތައް ސެކްޝަނަށް ގޮސްފައިވާ ކަމާއި ފަނޑިޔާރުން ސިޓީތަކަށް ޖަވާބު ދެއްވީމަ، އެ ޖަވާބު މެމްބަރުންނަށް އަންގަވާނެ ކަމަށެވެ.