ނިހާނާއި އަދުރޭ ސިފައިންނާއި ފުލުހުންނަށް އަމުރުކުރާތީ ހިތާމަކުރަން: ރޮޒައިނާ

ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު އަމުރުކުރާ ކޮމާންޑަރުންނަކީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ހަރުގެ ކުރިމަތީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ މުޒާހަރާ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕީޕީއެމްގެ ޖަގަހައަކީ ގައުމު ހެޑްކުއާޓަރަށް ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ޕީޕީއެމްގެ ރުމާލު2 އަކީ ދިވެހިރާއްޖެ ހިންގާ ހެޑްކުއާޓަރަކަށް ހަދައިގެން އެ ތަނުގައި ތިއްބަވައިގެން ޖެނެރަލް އަދުރޭއާ ޖެނެރަލް ނިހާނު ނެރޭ ކޮމާންޑްތަކަށް ދިވެހި ފުލުހުންނާ ސިފައިން ތަބާވާން ޖެއްސީމާ އެއީ ލަދުވެތިކަމެއް،" ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބި މުޒާހަރާގައި ރޮޒައިނާ ވިދާޅުވި އެވެ.

މި ރޭގެ އެއްވުމުގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުމެއް ހިނގަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރަން ސަރުކާރަށް 43 މެމްބަރުން ހަމަ ނުކުރެވުން، ރޮޒައިނާ ފާހަގަ ކުރެއްވީ އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ އެއިން އެނގިގެންދާ ކަމަކީ ބިރު ދައްކައިގެން ވެސް ރައީސް ޔާމީން ބޭނުންވާ ގޮތަށް ކަންކަން ނުހިނގާ ކަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ގަރާރު އިއްޔެ ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުން އެކަމެއްގެ މައްޗަށް އަމަލު ކުރަންޖެހޭ ކަމެއް ފާސްކުރަންވާނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ތިބެގެންނެވެ. އެއީ މިހާރުގެ އަދަދުން ބަލާނަމަ 43 މެމްބަރުންނެވެ. އިދިކޮޅު މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ފުލުހުންނަށް ރޭ ސިޓީއެއް ފޮނުއްވައިފަ އެވެ.

ރޮޒެއިނާ ވިދާޅުވީ މިހާ ހިސާބަށް ކަންކަން ދިއުމުން "ގަޓުހުރި ރައީސް" އެއް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި އިރު، ވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ އެކަނި ނޫން ކަމަށް ވިދާޅުވި ވިދާޅުވުން މިހާރު ބަދަލު ކުރައްވާފައިވާކަން ވެސް ރޮޒައިނާ ފާހަގަ ކުރެއްވި އެވެ. މިއަދު ވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އަމިއްލަ އެދުން ބޮޑު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.