ދިވެހި ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަކީ ގާނޫނުގެ ތެރެއިން ހިންގާ ސަރުކާރަކަށްވާތީ އެބޭފުޅުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށެވެ.
"ދިވެހި ސިފައިންނާއި ފުލުހުންނަކީ ދުވަހަކުވެސް މިގައުމަށް ޣައްދާރުވާ މީހުންނާ ގުޅިގެން މަސައްކަތް ކުރާނެ ބައެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަކީ އިސްލާމް ދީން ހިމާޔަތް ކުރުމަށާއި އިސްލާމީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ ވެސް ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ އަށް އަލިއަޅުވާލައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ ރާވާފައިވަނީ މާލޭގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ކަމަށާއި އެކަން ނާކާމިޔާބުކޮށްލީ ފުލުހުންނާއި ސިފައިން ކަމަށެވެ.
ރޭގެ މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު 500 އަށް ވެސް ނާރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭ މުޒާހަރާ އިން 141 މީހަކު ހައްޔަރު ކޮށްފައިވާ އިރު އެއީ 2015 ވަނަ އަހަރުގެ މޭ މަހުގެ އެއް ވަނަ ދުވަހު ބޭއްވި "މޭޑޭ މުޒާހަރާ" އަށް ފަހު އެންމެ ގިނަ މީހުން ހައްޔަރު ކުރި މުޒާހަރާ އެވެ. ރޭގެ މުޒާހަރާ ރޫޅާލާފައިވަނީ ކަރުނަ ގޭސް ވެސް ބޭނުން ކޮށްގެންނެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރޭގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ފައިސާ ދީގެން "ކޮންޓްރެކްޓް" އުސޫލުން މަސައްކަތްކުރި މީހުން ވެސް ހިމެނޭ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ގޮވާލި ނަމަވެސް މިއަދު މުޒާހަރާތަކަށް ނުކުންނަ މީހުން މަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.