އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ: ޕީޕީއެމް

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ސަބަބުން ސުޕްރީމް ކޯޓަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށެވެ. ޝަރުއީ ދާއިރާއަށް އިތުބާރު ހޯދަން ވީހާވެސް އަވަހަކަށް އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޭއެސްސީއަށް އަޅުގަނޑު ގޮވާލަން އަލީ ހަމީދާއި އަބްދުﷲ ސައީދު ވަކިކުރެވޭނެ ގޮތެއް ހައްދަވައި ދެއްވާށޭ. ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި ދެއްވާށޭ. އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އެދެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކޮށްފައިވާ ދެ ފަނޑިޔާރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހައްޔަރުކުރުމާ ހަމައަށް ވެސް އުއްތަމަ ފަނޑިޔާރު ކުރެއްވި ކަމަކީ އެކި މީހުންނަށް ހުކުމް ކުރުމާއި ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.

ސުޕްރީމު ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ ހުރިހާ ކަމެއް ހުއްޓުވާފައި އޮތުމުން އެއީ "ބަޣާވާތެއް" ގެންނަން ކޮށްފައިވާ ކަމެއްކަން ސާފުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރުގައި ވަނީ އެ ކޯޓުގެ މައްސަލަތައް ޖޭއެސްސީއަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް ދެ ފަނޑިޔާރުން ހައްޔަރުކުރުމާ އެކު ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ އަމުރުގެ އެ ބައި ބާތިލްކޮށް، ޖޭއެސްސީ އަށް އަނެއްކާވެސް ބާރުތައް ދީފަ އެވެ.

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާ ނަމަ އެ ފަނޑިޔާރަކަށް ޖަވާބުދާރީވާން އެއް މަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އެހެންކަމުން އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް ގެންނަން ޖެހޭ ބަދަލުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ރާއްޖޭގައި މިހިރަ ގާނޫނުތައް ޖެހޭ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުގާލު އޭރެއްގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިވަޑައިގަންނަވާ ގޮތަށް ބަދަލުގެންނަން. ފަނޑިޔާރުންގެ ގާނޫނަށް މިހާރުން މިހާރަށް ބަދަލު ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.