ހިތާމައިގައި ބައިވެރިވުމަށް، އެމްޑީޕީގެ ރިޔާސީ ކެމްޕޭން އިފްތިތާހު ކުރުން މާދަމާ ރެއަށް ފަސްކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން އިފްތިތާހު ކުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް މިއަދު ކުރި ހުކުމާ ގުޅިގެން ފަސްކޮށްފި އެވެ.


އެމްޑީޕީން ކުރިން ހަމަޖައްސާފައިވަނީ "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ހިންގާ މި ކެމްޕޭން މިރޭ ރާއްޖޭގެ ގިނަ ރަށްތަކެއްގައި، ފޭސްބުކްލައިވް މެދުވެރިކޮށް އިފްތިތާހު ކުރުމަށެވެ. އެ ހަރަކާތަށް ވަރަށް ގިނަ ރަށްތަކެއްގައި ވަނީ ތައްޔާރު ވެސް ވެފަ އެވެ.

ނަމަވެސް އެމްޑީޕީން މިރޭ ބުނީ ރައީސް މައުމޫނާއި ފަނޑިޔާރުންނަށް ކުރި ހުކުމާ ގުޅިގެން، އެ ހިތާމައިގައި ބައިވެރިވުމަށް، ކެމްޕޭން ލޯންޗުކުރުން މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް ބުންޏެވެ.

"ޖަޒީރާ ރާއްޖެ" ކެމްޕޭނާ ގުޅުވައިގެން މިއަދު ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ރައީސް މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެ ހުކުމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.