ޕީޕީއެމްގެ ފަސް މެމްބަރެއްގެ މައްސަލަ ބަލާތޯ އަންގައިދޭން އެދެފި

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރެއްގެ މައްސަލަ ގޮސްފައިވާ ހިސާބު ސާފުކޮށްދޭން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަބްދުލްއަލީމް ސުލޫކީ ކޮމެޓީގައި އެދިވަޑައިގެންފި އެވެ.


ސުލޫކީ ކޮމެޓީ އަށް އަލީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާއި ޕީޖީ ގްރޫޕްގެ ގަވާއިދާ ހިލާފުވެގެން ފަސް މެމްބަރެއްގެ މައްސަލަ ބަލައިދޭން ޕާޓީގެ މެމްބަރުންތަކެއް ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތައް ބަލަން ކޮމެޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތް އަންނަ އާދީއްތަ ދުވަހުގެ ކުރިން ލިއުމަކުން ޕާޓީ އޮފީހަށް އަންގައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މައްސަލަ ބަލައިދިނުމަށެވެ.

.ޕީޕީއެމްގެ ކައުންސިލް މެމްބަރުންތަކެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސުލޫކީ ކޮމެޓީ އަށް ފޮނުވި ސިޓީގައި އަލީމް ވިދާޅުވީ "ސުލޫކީ ކޮމެޓީ އަށް ހުށަހެޅޭ މައްސަލަތަކާ މެދު އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން އެއް ހަފުތާ ތެރޭގައި ކޮމެޓީން ގޮތެއް ނިންމަންވާނެ ކަމަށް" ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވާއިދުގައިވާ ކަމަށެވެ.

އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ކޮމެޓީ އަށް ފޮނުވީ ޖުލައި 12 ގަ އެވެ. އޭގެ ފަހުން މިހާރު ވަނީ ދެ ހަފުތާ ވެފަ އެވެ.

ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލައެއް ބަލައި އެ ކޮމެޓީން ވަރަށް ފަހުން ވަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ޕާޓީން ވަކިކޮށްފަ އެވެ. އެކަން ތަންފީޒުކޮށްދޭން ޕާޓީ އޮފީހުގައި ވަނީ އެދިފަ އެވެ.

އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ ފާރިސްއާ މެދު ފިޔަވަޅު އެޅީ އިންސާފުން ބޭރުން ކަމަށެވެ. ބިޑަށް ނުލައި ރަށްތައް ދޫކުރަން ހުށަހެޅި އިސްލާހާ ދެކޮޅަށް އޭނާ ވޯޓު ދެއްވީ ޕާޓީގެ ރައީސް އަންގަވައިގެން ކަމަށާއި އެހެންވެ އޭނާއާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ޕާޓީ އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމްގައި ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. މައްސަލަ ހައްލުކުރަން ބޭއްވި ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެ ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދޭނެ މަގެއް ނުފެނުމުންނެވެ.