ވަޅި ހަރައި ރޭ ޒަހަމްކޮށްލި ޒުވާނާގެ ހާލު ރަނގަޅު

ހުޅުމާލޭގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.


އެ މާރާމާރީގައި ޒަހަމްވީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް އާސަންދަ އިން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

އާސަންދަ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޒަހަމްވި ޒުވާނާ އަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މި މާރާމާރީއާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭގައި ރޭ ހިންގި މާރާމާރީގައި ޒުވާނަކަށް ހަމަލަ ދިން އިރު، ފަހަކަށް އައިސް ހުޅުމާލޭގައި ގްރޫޕް މާރާމާރީތައް ވަނީ އިތުރުވެފަ އެވެ.