ހަސީން އުފައްދަން އުޅޭ ޕާޓީގެ ނަން ބަދަލުކުރަން އީސީން އަންގައިފި

ގާނޫނީ ވަކީލް އަބްދުﷲ ހަސީން އުފައްދަން އުޅުނު ސިޔާސީ ޕާޓީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ (ލޭބާ ޕާޓީ)" ގެ ނަން ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާ އަށް މިއަދު އަންގައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އީސީގެ ތަރުޖަމާން އަދި މެމްބަރު އަހުމަދު އަކްރަމް ފޯނަށް ޖަވާބު ނުދެއްވާތީ ސަބަބު ވަނީ އޮޅުން ފިލާ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި، ހަސީން އަށް އީސީން ފޮނުވާފައިވާ ސިޓީގައި އަންގާފައި ވަނީ ލޭބާ ޕާޓީ ރަޖިސްޓަރީ ކުރުމަށްޓަކައި އެ ކޮމިޝަނަށް ގަބޫލު ކުރެވޭ ނަމެއް ހުށަހެޅުމަށެވެ.

އިލެކްޝަންސް އިން ކުރި ޓްވީޓް--

ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހަސީން މިއަދު ވިދާޅުވީ، އޭނާ ހުށަހެޅުއްވި ނަން ފާސްނުވި ސަބަބު އިލެކްޝަންސް ކޮމިޝަނުން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ، އެ ސަބަބު ހޯދާނީތޯ ނުވަތަ އާ ނަމެއް ހުށަހަޅާނީތޯ ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީ އުފައްދާ މަގުސަދާ ގުޅޭ ގޮތުން ހަސީން ވިދާޅުވީ އޭނާގެ ބޭނުމަކީ މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމް ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށެވެ. އެކަން ވާން އޮތީ ޕާޓީއެއް ހަދައިގެން ކަމަށް ހަސީން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާ އެކު، ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން 3،000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓަރީ ކުރާނެ ކަމަށް ހަސީން ވިދާޅުވި އެވެ.

އިތުރު ދެ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ދެ ފަރާތަކުން ވަނީ މި އަހަރު ހުށަހަޅައިފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްދައެއް ނުދެ އެވެ.

ހަސީން ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސައިން ހުމާމްގެ ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ އެކި ހަރަކާތްތަކުގައި އިސްކޮއް އުޅުއްވި އެވެ. އޭނާ އެމްޑީޕީން ވަކިވީ އެ ޕާޓީއާ މައްސަލަ ޖެހިގެން ނޫން ކަމަށް ހަސީން ވިދާޅުވެ އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން، ޕާޓީ ރަޖިސްޓަރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ރާއްޖޭގައި މި ވަގުތު ރަޖިސްޓަރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.