ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ތިން ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް "ވިލިމާލެ- 2" ތަރައްގީކޮށް، ވިލިމާލެ އާއި މާލެ ގުޅާލުމުގެ މަޝްރޫއު، ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ގިނަ ކަންތައްތަކެއް ކާމިޔާބު ކުރެއްވުނު ނަމަވެސް، ބޯހިޔާވަހިކަމުގެ މައްސަލައަށް މުޅިން ހައްލެއް ނުގެނެވުނު ކަމަށެވެ.

އެހެންވެ، ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސާ އެކު ދެ ވަނަ ޝަހަރެއްގެ ގޮތުގައި "ވިލިމާލެ-2" ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ވިލިމާލޭ ހިއްކުމާއި އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮޮތުގެ ތަފްސީލެއް ރައީސް މިރޭ ނުދެއްވަ އެވެ.

ޓޫރިޒަމްގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލް ކުރެއްވި އަހުމަދު މާހިރަށް، ރައީސް ޔާމީން މިރޭ އެވޯޑް ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޓޫރިޒަމްގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލް ކުރެއްވި އަހުމަދު މާހިރަށް، ރައީސް ޔާމީން މިރޭ އެވޯޑް ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން، މާލެ އާއި ވިލިމާލެ އަދި ގުޅިފަޅު ގުޅާލާނެ އެވެ. އަދި ގިނަ ވަސީލަތްތަކަކާއެކު އެތަން ތަރައްގީ ކުރާނީ 315،000 މީހުންގެ އާބާދީއަކަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހުން ފެށިގެން، 2030 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް، 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް، އެ މަޝްރޫއުގެ ދަށުން 1000 އަކަފޫޓަށް ވުރެ ކުޑަނުވާ ބިމެއް ނުވަތަ އެޕާޓްމެންޓެއް ލިބޭނެ ކަމަށެވެ.

"ﷲގެ އިރާދަފުޅުން ބޯހިޔާވަހިކަން ނުލިބޭ ދިވެއްސެއް ދެން ނުހުންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފުރަތަމަ ފަހަރަށް އިއުލާން ކުރެއްވި މި މަޝްރޫއު އަކީ، ރައީސް ވިދާޅުވި ގޮތުގައި، މިހާރު ދިރާސާކޮށް ނިމިފައިވާ ކަމެކެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7،000 ފްލެޓާއި "ވިލިމާލޭ-2"ގެ މަޝްރޫއަކީ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެ މަނިކުފާނުގެ ޓީމުން ހުށަހަޅާ "ޓޯޓަލް ސޮލިއުޝަން"އެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގެ އެޖެންޑާ ރައީސް ޔާމީން ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގެ އެޖެންޑާ ރައީސް ޔާމީން ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި އަޅާފައިވާ ކޮންމެ ފްލެޓަކަށް ވެސް ގާތްގަނޑަކަށް ވިއްސަކަށް މީހުން ކުރިމަތިލި އެވެ. އެހެންވެ، އަލަށް ފަށާ މި މަޝްރޫއުތަކުން އާބާދީގެ ތިންބައި ކުޅަ އެއްބައި ދިރިއުޅެމުން އަންނަ މާލޭގެ ދިރިއުޅުމުގެ ދަތިކަން ހައްލުވާނެ ކަމަށެވެ.

ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލެވޭއިރު، ކަނޑުގެ ބަނދަރުގެ މަސައްކަތް ފެށުމުގެ ޔަގީންކަން ލިބޭނެ ކަމަށެވެ. އަދި މާލެ އާއި ހުޅުލޭ ބްރިޖަކުން ގުޅާލައި ނިމޭއިރު، މާލެ އާއި ވިލިމާލެ އަދި ގުޅިފަޅު ވެސް ފާލަމަކުން ގުޅާލުމުގެ އުއްމީދު އޮތް ކަމަށް ވެސް ވިދާޅުވި އެވެ. މިއީ އެ މަނިކުފާނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު އާލާވާކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.